މާމުޔަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ކެއުމަށްވެސް އަދި ބޭހުގެ ގޮތުގައިވެސް އާއްމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ނިސްބަތުން އަގުބޮޑުވެސް ބާވަތެކެވެ. މުޅި ދުނިޔޭގައި އަހަރެއްގެ މައްޗަށް އުފެއްދެނީ ގާތްގަޑަކަށް 1.8 މިލިޔަން ޓަނުގެ މާމުޔެވެ.
ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނައިން މާމުއި އުފައްދާކަމަށް ފެންނަނީ ޗައިނާގައެވެ. އެއީ އަހަރަކު ގާތްގަޑަކަށް 457 ހާސް ޓަނެވެ. އެހެން އެއްވެސް ގައުމަކަށް ޗައިނާޔާއި ގާތްކޮށެއްވެސް ނުލެވެއެވެ. ލިސްޓުގެ ދެވަނައިގައިވާ ތުރުކީވިލާތަށް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް 114 ހާސް ޓަނެވެ.
ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އާޖެންޓީނާއަކީ ދުނިޔޭގެ ބާޒާރަށް ތިންވަނަޔަށް އެންމެ ގިނައިން މާމުއި ނެރޭ ގައުމެވެ. އެއީ އަހަރަކު ގާތްގަޑަކަށް 80 ހާސް ޓަނެވެ. އާޖެންޓީނާޔާއި ދާދި އެއްވަރަކަށް އީރާނުންވެސް މާމުއި އުފައްދައެވެ. އެއީ އަހަރަކު 78 ހާސް ޓަނުގެ މާމުޔެވެ. އީރާނަށް ލިބެނީ ދުނިޔޭގެ ލިސްޓުން ހަތަރުވަނައެވެ.
ސީދާ ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މާމުއި އުފައްދަނީ ޔުކްރޭނުގައެވެ. އެއީ އަހަރަކު ގާތްގަޑަކަށް 71 ހާސް ޓަނެވެ. މުޅި ދުނިޔެއިން ޔުކްރޭނަށް ލިބެނީ ފަސްވަނައެވެ. ޖުމްލަ 65 ހާސް ޓަނާއެކު ރަޝިޔާއަށް ލިބެނީ ދުނިޔޭގެ 8 ވަނައެވެ. އިންޑިޔާގެ އުފެއްދުން ރަޝިޔާއަށްވުރެ ކުޑަ ތަންކޮޅެއް މައްޗެވެ. އިންޑިޔާއަށް އުފެއްދެނީ އަހަރަކު 67 ހާސް ޓަނެވެ. އިންޑިޔާގެ ވަނަޔަކީ ހަތްވަނައެވެ. ޖުމްލަ 50 ހާސް ޓަނާއެކު އެފްރިކާގެ އެއްވަނަ ލިބެނީ އިތިއޮޕިއާއަށެވެ.