ތާރީހުގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން އެސްޓްރޯނަޓުންގެ ކްރޫއެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ސްޕޭސްވޯކް ކުރާނެ ކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.
ނާސާއިން ބުނީ އެ ކްރޫގައި ދެ އެސްޓްރޯނަޓުން ތިބޭނެ ކަމަށާއި އެ އެސްޓްރޯނަޓުންނަކީ އަންހެނުން ކަމަށެވެ.
އެކްސްޕެޑިޝަން 59ގެ ދަށުން ނާސާގެ އެސްޓްރޯނަޓުން އޭން މެކްލޭން އާއި ކްރިސްޓީނާ ކޮޗް މިމަހުގެ 29ގައި ސްޕޭސްވޯކް ކުރާނެއެވެ.
ބިމުގައި ހުރެ އެ އެސްޓްރޯނަޓުންނަށް އެހީ ފޯރުކޮށްދޭނީ ކެނޭޑިއަން ސްޕޭސް އޭޖެންސީ ފްލައިޓު ކޮންޓްރޯލާ ކްރިސްޓެން ފޭކިއޯލް އެވެ.
"އަސްލު އެގޮތަށް ރާވައިގެން ކުރި ކަމެއް ނޫން މިއަކީ. އަސްލު ސްޕޭސްވޯކްތައް ކުރިއަށް ދިއުމަށް ޝެޑިއުލްކޮށްފައިވަނީ އަހަރުގެ ފަހުކޮޅުގައި،" ނާސާގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
އެ ހަރަކާތުގައި ލީޑް ފްލައިޓް ޑައިރެކްޓަރުގެ ގޮތުގައި ހަރަކާތްތެރިވާނީ މޭރީ ލޯރެންސް އާއި ޖޭކީ ކޭގީއެވެ. އެ ދެބޭފުޅުންނަކީވެސް އަންހެނުންނެވެ.
"29ގައި ޝެޑިއުލްކޮށްފައިވާ ސްޕޭސްވޯކް އަކީ ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެނުންނާއެކު ކުރިއަށްދާ ސްޕޭސްވޯކް،" ނާސާގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
އެ ސްޕޭސް ވޯކްއަކީ ޝެޑިއުލްކޮށްފައިވާ ތިން ސްޕޭސްވޯކުގެ ތެރެއިން ދެވަނަ ސްޕޭސްވޯކެވެ. މިމަހުގެ 22 ގައިވެސް ސްޕޭސްވޯކް އެއް ޝެޑިއުލްކޮށްފައިވާ އިރު އެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވާނެއެވެ. އޭނާ އާއެކު އެ މަސައްކަތުގައި ދެން އުޅޭނީ އެސްޓްރޯނަޓު ނިކް ހޭގެވެ.