ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އިން ބުނެފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ކަންބޮޑުވުންތައް ހުރި ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުން ބައެއް ލަފާތައް ދެއްވާފައިވާ ކަމަށެވެ.
"ޑޮކްޓަރުގެ ލަފާ ލިބިފައި އެބައޮތް، އެމަނިކުފާނު އެކަހެރިވެ ނުވަތަ އެކަނި އޮންނެވި އޮތުން އެއީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއްގެ ގޮތުގައި. އެހެންވީމަ އެ ކަންތައް ފާހަގަކޮށްލަން،" ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކުރައްވައި ތަހުގީގު ކުރިއަށް ގެންދެވުމަށް ސައީދު ގޮވައިލެއްވި އެވެ.
"މިއީ އިބްރާހީމް މުހައްމަދު ސޯލިހަށް އަޅުގަނޑުމެން ދެ ޕާޓީގެ ފަރާތުން، އަބްދުއްރަހީމް އިސްވެ ހުރެ ހުށަހެޅުއްވި، ރައީސް ޔާމީންގެ ފެމިލީގެ ފަރާތުންވެސް، އެދިފައިވަނީ ތަހުގީގު ހިނގާއިރު ރައީސް ޔާމީން ގޭގައި ބަހައްޓައިދެއްވާށޭ. އެއީ ހެއްކެއް ފޮރުއްވަން އުޅޭ ބޭފުޅެއް ނޫން. ތަހުގީގު ކުރިއަށް ނުގެންދެވުމަކަށް އަޅުގަނޑުމެން ނުގޮވާލަން،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް ހައްގުގޮތުގައި ވަކާލާތު ކުރެއްވުމުގެ ފުރުސަތު ދެއްވައި މައްސަލަ އަވަސް ކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. ކުރީންވެސް އެދިފައިވާނީ އެކަމަށް ކަމަށް ސައީދު ވިދާޅުވިއެވެ.