ސްޓޭ ހައުސް ވިޔަފާރިއަކީ އިޖްތިމާއީ އަދި އަހުލާގީ ފޭރާން ވީދި، ނުބައި މަންޒަރުތަކަށް މުސްލިމުންގެ ލޯތައް ހާނުވާކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އިބްރާހީމް މިހެން ވިދާޅުވެފައި ވަނީ ދިރިއުޅޭ ގޭތެރޭގައި ގެސްޓް ހައުސް ވިޔަފާރި ކުރުމާ މެދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ނޫސް ބަޔާނުގައި އިބްރާހީމް ވަނީ އަމިއްލަ ގޭގައި ގެސްޓް ހައުސް ވިޔަފާރި ނުވަތަ ސްޓޭ ހައުސް ވިޔަފާރި ކުރުމަކީ އެއާމެދު ފުންކޮށް ވިސްނަންޖެހޭ އެކަމާމެދު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. ގެސްޓްހައުސް ވިޔަފާރިއަކީ ''އަމިއްލަ ޖީބުތައް ޑޮލަރުން ފުރާލެވޭ މޮޅު ގޮތެއް'' ނަމަވެސް، މިކަމަކީ އޭގެ އާހިރުގެ ނަތީޖާ ނުބައި ކަމެއް ކަމަށް އިބްރަހީމްގެ މި ބަޔާނުގައި ވިދާޅުވެއެވެ.
އެގޮތުން ރާއްޖޭގެ އިސްލާމީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދި ވާކަމަށާއި، ކުރިން ޓީވީ ތަކުން ފެންނަ ނިވާކަން ކުޑަ މަންޒަރުތައް މިހާރު ''އަތް ފޯރާ ހިސާބުގައި'' ހުރަހެއް ނެތި ދަރީންނަށް ފެންނަ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އދި ގައުމުގެ ޒުވާނުން މަސްތުވާ ތަކެތީގެ ދިރިއުޅުމަށް ހޭނެމުންދާ ކަމަށް އިބްރާހީމް ވަނީ ފަހަގަ ކުރައްވައިފައެވެ.
މީގެ އިތުރުން އިބްރާހީމް ވަނީ ރާއްޖޭގައި އާންމު ތަންތާގައި ބިކިނީ ލައިގެން ނޫޅެވެ ގާނޫނެއް އޮތް ނަމަވެސް އެކަމަށް އަމަލުކުރާ ބަޔަކު ނުފެންނަ ކަމަށާއި، އެކަމަށް އެއްވެސް މުއައްސަސާއަކުންވެސް އަދި ތަންފީޒީ އިދާރާއަކުންވެސް އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރައްވައިފައެވެ. އަދި މިކަމުގެ ސަބަބުން އާއިލާތަކުގެ މެދުގައި ލަދުވެތިކަމާއި މުރޫވަތްތެރިކަން ނެތި އާއިލާއާއި އެކުވެރިންގެ މެދުގައި އިންތިހާއަށް ފާހިޝިއްޔަތުގެ އަމަލުތައް ފެތުރެމުންދާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނާއެކު ދިވެހި ދަރިން އުޅުމުގެ ތެރެއިން މަސްތުވުމާއި ޒިނޭކުރުން ފަދަ ބޮޑެތި މުންކަރާތް ކުރުމުގެ ދުނިޔެ ތެރެއަށް ވަނުމުގެ މަގު ފަހިވާކަން ވެސް އިބްރާހީމް ފާހަގަ ކުރެއްވިއެވެ.
އިބްރާހީމް ވަނީ އަހަރެމެންނަކީ މުސްލިމުންނަށް ވާހިނދު މިފަދަ ނުރައްކާތެރި އަދި ފަނާ ކުރުވަނިވި ކަންކަމާމެދު ވިސްނައި ފިކުރުކޮށް، މަދު ފައިސާ ކޮޅަކަށް ނުހެއްލި ދެ ދުނިޔޭގެ ހެޔޮކަން ލިބޭނެފަދަ ގޮތަކަށް އަމަލުތައް ބައްޓަންކުރުމަކީ މުހިއްމު ކަމެއްކަން ހަނދާންކޮށްދެއްވައިފަ އެވެ.