އިމާދު ލަތީފު
ނިއުކުލިއަރ ހަނގުރާމައެއްގެ ބިރުވެރިކަން ފަހަކަށް އައިސް ދުނިޔެއަށް ކުރިމަތިނުވާހާ ބޮޑަށް މިހާރު އެ ބިރުވެރިކަން ވަނީ ފެތުރިފައެވެ. ދުނިޔޭގެ ހަތަރު ބިތުގައެވެ. ޔުކްރޭނުގެ މައްސަލައިގައި ރަޝިޔާއާ އެމެރިކާގެ މެދުގައެވެ. އަދި ޓައިވާނުގެ މައްސަލައިގައި ޗައިނާޔާއި އެމެރިކާގެ މެދުގައެވެ. ނިއުކުލިއަރ ކުރިމަތިލުމެއްގެ ބިރު ބޮޑުވަމުންދާ ވަރަކަށް އެފަދަ ކުރިމަތިލުމެއް ހިނގައިފިނަމަ އޭގެ ނަތީޖާއަކީ ކޮބައިކަން ދެނެގަތުމުގެ ދިރާސާތައްވެސް އިތުރުވެއެވެ. ފުޅާވެއެވެ. މިފަދަ ކޮންމެ ދިރާސާއެއްގެ ނަތީޖާވެސް އެހާ ބިރުވެރިއެވެ. ނިއުކުލިއަރ ހަނގުރާމައަކީ އެއްވެސް ބަޔަކަށް ހިނިތުންވުމެއް ކުރިލިބުމެއްނެތް ހަގީގީ މުސީބާތެކެވެ. ދުނިޔެއާއި ދުނިޔޭގައިވާ އެންމެހައި ދިރުންތަކަށް ދާއިމީ ނިމުމެއް މެދުވެރިވެދާނެ އާފާތެކެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ.
ތަޖުރިބާކާރުން ރޭގަނޑުގެ ނިދި ނަގާލައިގެންތިބެ އެކި ގޮތްގޮތަށް ވިސްނައި ދިރާސާކޮށް ހެދީމާ ފެންނަގޮތުން ރަޝިޔާ އާއި އެމެރިކާގެ ނިއުކުލިއަރ ކުރިމަތިލުމެއްގައި ދުނިޔޭގެ ޖުމްލަ އާބާދީގެ 63 އިންސައްތަ މީހުން ފަނާވެގެންދާނެއެވެ. ކާނާގެ ބާވަތްތައް އުފެއްދުން 90 އިންސައްތަ ދަށްވެގެންދާނެއެވެ. ރަޝިޔާ އާއި އެމެރިކާއަކީ ދުނިޔޭގައިވާ ނިއުކުލިއަރ އެންމެ ބޮޑު ދެބާރެވެ. އެންމެ ގިނަ އަދަދެއްގެ ނިއުކުލިއަރ ހަތިޔާރު ގުދަންކުރެވިފައިވާ ދެ ގައުމެވެ. ދިރާސާތަކުން ދައްކާގޮތުން އެންމެ ގިނަބަޔަކު ފަނާވެގެންދާނީ ހައިހޫނު ކަމުގެ ސަބަބުންނެވެ. ހައިހޫނުކަން އާއްމުވާނީ ދުނިޔޭގެ ވެށި ކިލަނބުވެ މޫސުމަށް އަންނަ ބޮޑުވެގެންވާ ބަދަލުގެ ސަބަބުންނެވެ. ރަޝިޔާ އާއި އެމެރިކާގެ މެދުގައި ފުލް ސްކޭލް ނިއުކުލިއަރ ހަނގުރާމައެއް ހިނގައިފިނަމަ އޭގެ ނުރައްކަލުން މިންޖުވެވޭނޭ ހަމަ އެއްވެސް ގައުމެއް ނެތެވެ.
ތަޖުރިބާކާރުންގެ އެންމެފަހުގެ ދިރާސާ ޝާއިއުކުރީ ހިނގަމުންމިދާ އޮގަސްޓްމަހުގެ ފަނަރަވަނަ ދުވަހު ނޭޗަރ ފުޑޭ ކިޔުނު މަޖައްލާއެއްގައެވެ. ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓްގެ އެންމެފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި މިވަގުތު ދުނިޔޭގައިވާ ނިއުކުލިއަރ ހަތިޔާރު ނުވަތަ ނިއުކުލިއަރ ބޮލުގެ އަދަދަކީ 12705 އެވެ. މީގެ ތެރެއިން 5977 ހުރީ ރަޝިޔާގައެވެ. އެމެރިކާގައި ހުރިކަމަށް ދައްކަނީ 5428 އެވެ. މީގެ ތެރެއިން ފަސް އިންސައްތަ ބޭނުންކުރެވުނަސް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް 150 މިލިޔަން މެޓްރިކްޓަނުގެ އަޅި ފެތުރިގެންދާނެއެވެ. ދުނިޔޭގެ ބޮޑުބައެއްގެ ދަނޑުވެރިކަން އެވަރުން ނިމުމަކަށް އަންނާނެއެވެ. ގިނައިން މަރުވާނީ ހަނގުރާމައިގައި ޝާމިލްވެސް ނުވާ ގައުމުތަކުގެ މީހުންނެވެ. ޚާއްސަކޮށް ދެކުނު އޭޝިޔާއިންނެވެ.
އެންމެ ފަހުގެ ދިރާސާގައި ބައިވެރިވި ތަޖުރިބާކާރުންގެ ފަރާތުން އެމެރިކާގެ ނިއުޖާޒީގެ ރޫޖަރސް ޔުނިވަރސިޓީގެ ކްލައިމެޓް ސައިންސާބެހޭ ޕްރޮފެސަރެއް ކަމަށްވާ އެލަން ރޮބޮކް ވިދާޅުވީ ނިއުކުލިއަރ ހަނގުރާމައެއް ފެށިއްޖެނަމަ އިންސާނުން މިހާތަނަށް ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ މިންވަރަށް ހައިހޫނުކަން އާއްމުވެގެންދާނެ ކަމުގައެވެ. ހަނގުރާމައިގައި ޝާމިލްވާ ދެގައުމުގައި މަރުވާ މީހުންގެ އަދަދަށްވުރެ އިންޑިޔާއާއި ޕާކިސްތާނުގައި ބަނޑަށް މަރުވާ މީހުންގެ އަދަދު އިތުރުވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ވާހަކަ އޭނާ ގެންނެވީ ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކަށް ހަނަފަސްކަމާއި ހައިހޫނުކަން ފެތުރިގެންދާނޭ މިންވަރުގެ ތަސައްވުރެއް ދެއްވުމުގެ ގޮތުންނެވެ. ދުނިޔޭގެ އެއްވެސް ބަޔަކު ސަލާމަތް ނުވާނޭކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ.
ރަޝިޔާ އާއި އެމެރިކާ ނަގައިފައި ދެން އެންމެ ގިނަ އަދަދެއްގެ ނިއުކުލިއަރ ބޯ ހުރި ގައުމަކީ ޗައިނާއެވެ. ޗައިނާގައި ހުރިކަމަށް އަންދާޒާ ކުރެވޭ އަދަދަކީ 350 އެވެ. އޭގެ ފަހަތަށް އަންނަނީ ފްރާންސާއި ޔޫކޭއެވެ. އިންޑިޔާ އަތުގައި 160 ހުރިކަމަށް އަންދާޒާ ކުރެވޭއިރު ޕާކިސްތާނުގައި 165 އެބަހުރިކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. އިޒްރޭލާއި އުތުރު ކޮރެޔާގައިވެސް ނިއުކުލިއަރ ހަތިޔާރު އެބަހުއްޓެވެ. އެކަމަކު އަދަދުގެ ގޮތުން އެ ދެގައުމުގެ މިންވަރުވެސް ސަތޭކަޔަށް ނާރާ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މީގެ ތެރެއިން އެންމެ ސިއްރިޔާތުގައި އެންމެ ވަގުވަގަށް ނިއުކުލިއަރ ހަތިޔާރު އުފައްދައި ގުދަން ކޮށްފައިވަނީ އިޒްރޭލުންނެވެ. ކުރިން ނިއުކުލިއަރ ބާރު ލިބިގެންފައި ފަހުން އެބާރު ދޫކޮށްލައި ހަތިޔާރުވެސް ނައްތާލި ގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ.
ނިއުކުލިއަރ ހަތިޔާރު ވުޖޫދުކޮށް އެއިން އިންސާނުން ފަޚުރުވެރިކަން ލިބިގަންނަމުންދާތާ 77 އަހަރު ފާއިތުވެގެންދިޔައިރު މިހާތަނަށް އަދި ނިއުކުލިއަރ ހަނގުރާމައެއް ނުހިނގައެވެ. ހަނގުރާމައިގެ ހާލަތުގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފައިވަނީވެސް އެންމެ ދެފަހަރުއެވެ. އެއީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނާ ދެކޮޅަށެވެ. އޭގެ ފަހުން ފާއިތުވެގެންދިޔަ ދިގު މާޒީގެ ތެރޭގައި ނިއުކުލިއަރ ހަތިޔާރުގެ ފެންވަރާއި ބާވަތަށްވެސް އިންގިލާބީ ބޮޑެތި ބަދަލުތައް ވަނީ އައިސްފައެވެ. ދުލަކުން ގަލަމަކުން ބަޔާންކުރަން ފަސޭހަނޫން މިންވަރުގެ ބާރުގަދަ ނުރައްކާތެރި ވައްތަރު ވައްތަރުވެސް ވަނީ އުފައްދައިފައެވެ. ހައިޑްރޯޖަން ބޮމޭ ކިޔުނު އެއްޗަކީ މިގިންތީގެ އެއްޗެކެވެ. މީގެ އެންމެ އެއްޗަކުން ސްރީލަންކާ ސައިޒުގެ ގައުމެއް އަޅިޔަށް ހަދައިލެވިދާނެއެވެ.