އެޗްޑީސީ

ގޯތި ފޯމް ބަލައިގަންނަ މުއްދަތު އިތުރުކުރާނަން: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ 400 ގޯއްޗަށް ކުރިމަތިލާ ފޯމް ބަލައިގަންނަ މުއްދަތު އިތުރުކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުން ފޯރުކޮށްދޭނެ ކަމަށް އެ މަސައްކަތާ މިހާރު ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން އެ މަސައްކަތްކުރުމަށް ފަހު، ކުއްލިއަކަށް މިއަދު ވަނީ ގޯތި ފޯމް ބަލައިގަތުމުގެ މަސައްކަތް ވެސް އެޗްޑީސީއާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އެޗްޑީސީން މިހާރު ދަނީ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 400 ގޯއްޗަށް މިހާތަނަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ފޯމުތައް ހިމެނޭ ގޮތަށް އަދި އެ މިނިސްޓްރީއަށް މިހާ ހިސާބަށް ދޫކޮށްފައިވާ ނަންބަރުތަކުގެ ކިޔު ތަރުތީބުން، އިތުރު ފޯމް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތު ދެވިގެންދާނެ ގޮތަށް ކަމަށާއި އެގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު މަގްސަދަކީ ފޯމު ހުށަހެޅުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުން ކަމަށެވެ. ކުރިން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.

ހައުސިން މިނިސްޓްރީން ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ މަސައްކަތް ހުއްޓާލައި، އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރިކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން އެ މަސައްކަތްތައް އެޗްޑީސީއާ ހަވާލުކުރީ ޖާގައިގެ ދަތިކަން ހުރުމާއި ފޯމް ހުށަހެޅުމަށް އަންނަ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ގޯއްޗަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި ފަހުން ކަންތައްތަކެއް ފުރިހަމަކުރުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގިއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އަލުން އެ މަސައްކަތް ފެށިއިރު، އޭސީސީން އެންގި ކަންކަން ފުރިހަމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އޭސީސީގެ އެއްވެސް އެންގުމަކާ ހިލާފުވެފައެއް ނުވާނެ ކަމަށާއި ވަކި ފަރާތެއް މަރުހޫމުވާ ގޮތަށް ކަންކަން ކޮށްފައެއް ވެސް ނުވާނެ ކަމަށެވެ.

އޭސީސީގެ އެންގުމުގައި ވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އާ އުސޫލެއް އެކުލަވާލައި، އެ އުސޫލު އާންމުކޮށް ޝާއިއުކުރުމާއެކު ގޯތި ދޫކުރުމަށް ކުރިއާލާ އިއުލާންކޮށް، ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.