މުހައްމަދު އައުޒަމް
ރާއްޖޭގެ އަންހެނުންގެ ޖަމިއްޔާތައް ގުޅިގެން ބައްދަލުވުމެއް ބާއްވައިފިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި މި ބައްދަލުވުން އޮތީ ސިޓްރަން ރެސްޓޯރަންޓްގަ އެވެ.
ޖަމިއްޔާތައް ހިންގުމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ޖަމިއްޔާތަކުގެ އާންމު ބައެއް މެންބަރުން ހިމެނޭ ގޮތުން 51 ކަނބަލުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ.
ޖަމިއްޔާތަކުގެ މެންބަރުންގެ މެދުގައިގުޅުން ބަދަހިކުރުމުގެ ތަފާތު ހަރަކާތްތަކެއްވަނީ މި ބައްދަލުވުމުގައި ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ސްޓްރެޓެޖިކް ގޭމްތަކާއި ހުރިހާ ބައިވެރީން ތަފާތު ކުރުމެއްނެތި ބައިވެރިވެވޭނެ ޕްރޮގްރާމްތަކެއް ބައްދަލުވުމުގެ ތެރޭގައި ވަނީ ހިންގައިފަ އެވެ.
މިބައްދަލުވުުމުގައި ޖަމިއްޔާތަކުގެ އިސްފަރާތްތަކުން ވަނީ އެބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން ކުރެވިދާނެ ކަންކަން އެހެން ބައިވެރިންގެމެދުގައި ހިއްސާކޮށް މަޝްވަރާކޮށްފައެވެ. ޖަމިއްޔާތަކުގެ އިސްފަރާތްތަކުން ވަނީ އެ ޖަމިއްޔާތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ވާހަކަދައްކައިފައެވެ.
މީގެ އިތުރުން އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭއިރު ފިރިހެނުންނަށްވެސް އެފުރުސަތުތައް ދީ ޖިންސީ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެންޖީއޯސްތަކުގެ އިސްވެރިން ވަނީ ފާހަގަ ކުރައްވައިފައެވެ.
އަންހެނުންގެ ޖަމިއްޔާތަކުން ބޭއްވި މިބައްދަލުވުމުގައި އެޖަމިއްޔާތަކުގެ އާންމު މެންބަރުންވެސްވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅޭ ކަންކަމުގައި މަޝްވަރާކޮށްފައެވެ.
މިބައްދަލުވުމުގައި ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްއާއި އައްޑޫ ވުމެންސް އެސޯސިއޭޝަނާއި ހޯޕް ފޯ ވުމެންއާއި އެމްއޭސީސީއެސްއާއި ފަތްމިނި އެސޯސިއޭޝަން އޮފް ކްރިއޭޓިވް ޑިޒައިންއާއި އެސޯސިއޭޝަން އޮފް ލޭޑީ އެންޓަޕްރެނަރސްގެ އިތުރުން މޯލްޑިވްސް ވުމެންސް ޗެމްބަރސް އޮފް ކޮމާރސް ގެ ފަރާތުން މެެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުންގެ ތެރޭގައި ރާޝިދާ ޔޫސުފް، އަނީސާ އަހުމަދު، ޑރ. މަރިޔަމް ޝަކީލާ، މިންހާ ފާއިޒް ރަޝާދު، ރަހީމާ އާދަމް، ޝީޒާ އިމާދު އަދި ޖުވޭރިޔާ ވަޖުދީ ހިމެނިވަޑައިގަންނަވަ އެވެ.