ޚަބަރު

އެންމެ އިސް އެއް ސިޔާސަތަކީ އަންހެން ދަރީންނަށް ފުރުސަތުތައް ފަހިކޮށްދިނުން: ރައީސް

ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ މުޖުމަތައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުން ކަމަށާއި ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައި ވެސް ދިވެހި އަންހެނުންގެ ހީވާގި ކަމާއި މުރާލިކަމާއި ގެވެހިކަމާއި ސާފުތާހިރުކަމަށް ލޯބި ކުރުމާއި ގައުމީ އަދި އިޖުތިމާއީ ކަންކަމުގައި ދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރި ކަމަށެވެ. މިނިވަންކަމުގެ ހައްގުގައި ދިވެހިން ކުރި ކޮންމެ ޖިހާދެއްގައި ވެސް ދިވެހި އަންހެނުންގެ ބައިވެރިވުމާއި ދައުރު އޮތް ކަމާ މެދު ދެބަސް ނުވެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާ ފަދަ، މުޖުތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީން ކަމަށެވެ.

"ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަ އެވެ. ސާނަވީ އާއި މަތީ ސާނަވީ އަދި ޔުނިވަސިޓީ ތައުލީމުގެ މަރުހަލާގައި ވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީ ވެސް އަންހެން ދަރީންނެވެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، "އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާ ކަމަށާއި އެހެންވެ، އެއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއް ކަމަށް ބުނެވިދާނެ ކަމަށެވެ.

"ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުމެވެ. ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ،" ރައީސް ވިދާޅުވިއެވެ.

"ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންނެވެ. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި އާއިލާތަކަށް އޯގާތެރިކަމާ އެކު ހޭހަންކުރާ މަދަދުގާރުންނެވެ. ދިވެހި އުންމަތުގެ ތަރައްގީ އާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ވަނީ ލިބިފައެވެ. ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަހުރުވެރިވާނެއެވެ،" ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނުގައި އަންހެނުންގެ ދައުރާ ގުޅޭ ގޮތުން އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވީ ހިނދު، އަންހެނުންގެ ހައްގުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމައުގައި އަންހެނުންގެ ގަދަރާއި އިއްޒަތް މަގާމު މަތިވެރި ކޮށްދިނީ އެ ދީން ކަމަށެވެ.

އެގޮތުން ކީރިތި ރަސޫލާ އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއް ކަމުގައި ދެކި، ދިރިތިއްބައި އަންހެނުން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ފަހުން އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނަ އާއި ދިރިތިބުމުގެ ހައްގު ހިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތް ކުރުމުގެ ހައްގު ފުރިހަމައަށް ހޯދައިދީފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީ ވެސް ދެވަނަ މީހަކީ ވެސް ތިންވަނަ މީހަކީ ވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ مُحَمَّدُ صلى الله عليه وسلم އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަސިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމެވެ،" ރައީސް ވިދާޅުވިއެވެ.

"ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ހަވާލުކުރެއްވި އިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނެވެ." ރައީސް ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ރިވެތި ދިރިއުޅުއްވުމާއި އިސްލާމްދީނުގެ ހުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ އާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ކީރިތި ގުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާ އެކު ވަހީ ކުރައްވާފައިވާކަން ވެސް ރައީސް ވިދާޅުވިއެވެ.