ޚަބަރު

"އަންލޮކް ހާ ފިއުޗާ" މިފަހަރު ދެކުނު އޭޝިއާގެ އަންހެން ވިޔަފާރިވެރިންނަށް، އިނާމަކަށް އެއް ލައްކަ ޑޮލަރު

އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް "ދަ ބައިސެސްޓާ ކަލެކްޝަން" އިން ބާއްވާ "އަންލޮކް ހާ ފިއުޗާ" އިނާމު ދެކުނު އޭޝިއާގެ އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް، ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ލަގްޒަރީ ރީޓެއިލް އާއި ހޮސްޕިޓަލިޓީ ފަދަ ވިޔަފާރިތަކުގައި ކުރިއަރާފައިވާ "ދަ ބައިސެސްޓާ ކަލެކްޝަން"ގެ "ޑޫ ގުޑް" ޕްރޮގްރާމު ފާއިތުވެދިޔަ ދެ އަހަރުވެސް ކާމިޔާބު ކަމާއެކު ވަނީ ބާއްވައިފައެވެ. ވިޔަފާރި ސްޓާޓަޕްތައް ހިމެނޭ ގޮތަށް ބާއްވާ އެ މުބާރާތް މީގެ ކުރިން 2023 ވަނަ އަހަރު ފުރަތަމަ ބާއްވާފައިވަނީ މެދު އިރުމަތީ އަދި އުތުރު އެފްރިކާގެ ގައުމުތަކަށް ހާއްސަކޮށްގެންނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތް ބޭއްވީ ލެޓިން އެމެރިކާގެ ގައުމުތަކަށް ހާއްސަކޮށްގެންނެވެ.

ކޮންމެ އަހަރަކުވެސް އެ މުބާރާތް ބާއްވަމުން އަންނަނީ، ދުނިޔޭގެ ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން އެ ސަރަހައްދެއްގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި، ތަފާތު ސްޓާޓްއަޕްތައް ފާހަގަކުރުމުގެ ގޮތުންނެވެ. މި އަހަރުގެ އެޑިޝަންގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާގެ 18 އަހަރުން މަތީގެ އަންހެނުންނަށެވެ.

އދ. ގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާ ގޮތަށް، މުޖުތަމައަށް ފައިދާކުރާނެ ސްޓާޓަޕްތަކުގެ ތެރެއިން، ހިޔާލެއް ނުވަތަ ވެލިޑޭޝަންގެ ސްޓޭޖުގައި އުޅޭ ސްޓާޓަޕްތައް ބަލައިގަތުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް ވަރުގަދަ ހިޔާލުތަކެއްގެ މައްޗަށް ބިނާވެފައިވާ އެ ސްޓާޓަޕްތަކަކީ ވެލިޑޭޓުކޮށް، ޓެސްޓުކޮށްފައިވާ ޕްރޮޓޯޓައިޕްއަކަށް ނުވަތަ ލޯންޗުކުރުމުގެ ސްޓޭޖުގައި އުޅޭ ސްޓާޓަޕަކަށް ވާން ޖެހެއެވެ. އަދި އެ ސްޓާޓަޕެއް ފަށާފައިވާ ނަމަ، ފެށިތާ ތިން އަހަރަށްވުރެ ގިނަވެގެން ނުވާނެއެވެ. އޭގެ އިތުރުން ވިޔަފާރީގެ އާމްދަނީ އެއް މިލިއަން ޑޮލަރަށްވުރެ ކުޑަވާން ޖެހެއެވެ.

"އަންލޮކް ހާ ފިއުޗާ" އިނާމުގެ ވަނަތައް ހޯދާ ކޮންމެ ވިޔަފާރިވެރިޔަކަށް ވިޔަފާރި ފެށުމަށް އިނާމެއްގެ ގޮތުގައި 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެކެޑެމިކް ޕާޓްނަރު، އޮކްސްފޯޑް ޔުނިވާސިޓީގެ ސައީދް ބިޒްނަސް ސްކޫލުގެ އެގްޒެކެޓިވް އެޑިއުކޭޝަން ޕްރޮގްރާމަކާއި "ދަ ބައިސެސްޓާ ކަލެކްޝަން"ގެ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވެއެވެ.

މީގެ ކުރިން ބޭއްވި މުބާރާތްތަކަށް އިނާމުގެ ގޮތުގައި ސްޓާޓަޕްތަކަށް ވަނީ ޖުމުލަ 600،000 (ހަ ލައްކަ) އެމެރިކާ ޑޮލަރު ދީފައެވެ. އެކި ސަރަހައްދުތަކަށް މިދިޔަ ދެ އަހަރު ބޭއްވި މުބާރާތްތަކުގައި ވަނަވަނަ ހޯދި އަށް ވިޔަފާރި ވެސް މިހާރު ފަށައި، ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ދަ ބައިސެސްޓާ ކަލެކްޝަނުން ބުނެއެވެ.

ދެކުނު އޭޝިއާއަށް ހާއްސަކޮށްފައިވާ އެ މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެ މުބާރާތުގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް https://www.thebicestercollection.com/en/do-good/unlock-her-future-2025/ އަށް ޒިޔާރާތްކުރުމަށް ދަ ބައިސެސްޓާ ކަލެކްޝަނުން އެދެއެވެ.

"އަންލޮކް ހާ ފިއުޗާ"ގެ ވަނަތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ބައިސެސްޓާ ވިލެޖުގައި "ދަ ބައިސެސްޓާ ކަލެކްޝަން"ގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފުލާގައެވެ.