އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކުރަމުން ދިޔަ އިރު ފާހަގަވި ވަރަށް ގިނަ ކަންކަން އޭރު، ރައީސް އޮފީހާ ހިއްސާ ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް އެއްވެސް ފިޔަވަޅެއް އެޅިކަން އެނގެން ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭގޮތުން ކަންކަން ސާފުކުރުމަށް އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަދު ހާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބުދެއްވަމުން، އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ތަހުގީގުގެ މަރުހަލާގައި ފާހަގަވި ކަންކަން ހިއްސާކުރާން ޖެހޭ ފަރާތްތަކާ ހިއްސާ ކުރައްވަން ޖެހޭ މިންވަރަށް ހިއްސާ ކުރެއްވި ކަމަށާއި ބައެއް ކަންކަން ރަނގަޅު ކުރާން ޖެހޭ ކަންކަމުގައި އަންގާން ޖެހޭ އެންގުންތައް ވެސް އެންގެވި ކަމަށެވެ.
"އެގޮތުން ރައީސް އޮފީހަށް ވެސް އަޅުގަނޑުމެން ވަރަށް ގިނަ ކަންކަން އަންގަމުން ދިޔައިން. އެހެން ނަމަވެސް އެއިން އެއްވެސް އެންގުމަކާ ގުޅިގެން ފިޔަވަޅެއް އެޅުއްވިކަން އަޅުގަނޑުމެންނަށް އެނގޭކަށް ނެތް." މުއައްވިޒް ވިދާޅުވި އެވެ.
މުއައްވިޒް ވިދާޅުވީ، ތަހުގީގަށް ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ހޯދުމަށް ގޮންޖެހުންތައް ހުރި ކަމަށާއި ސިޔާސީ ނުފޫޒު ހުރި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން އެ ޖެހިލުންވުން ބޮޑުވެފައި އޮތް ކަމަށް ފާހަގަކުރެއްވުނު ކަމަށެވެ. ތަހުގީގު ފެށި މަރުހަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މައުލޫމާތު ދޭން ދެކޮޅު ހެދި ކަމަށާއި އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށް ވެސް އެންގި ކަމަށެވެ.
"ފަހުން އެކަން ހައްލުވި. އެއީ އަޅުގަނޑުމެންނާ އެމްއެމްއޭއާ އެކީ ކުރެވުނު މަޝްވަރާތަކަކަށް ފަހު." މުއައްވިޒް ވިދާޅުވި އެވެ.
މުއައްވިޒް ވިދާޅުވީ، އެމްއެމްޕީއާރްސީއާ ގުޅުން ހުރި ބައެއް މައްސަލަތަކުގެ ތަހުގީގު މިހާރުވެސް ކުރިޔަށްދާ ކަމަށާއި ކަމާ ގުޅުން ހުރި ބައެއް ފަރާތްތައް އަދިވެސް ތިބީ ރާއްޖެއިން ބޭރުގައި ކަމުން ތަހުގީގު ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް އެބަ ހުރި ކަމަށެވެ.