މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑް ގަންނާނެ ކަމަށްބުނެ، ބިލިއަނަރު މަސްކްގެ ސަމާސާއެއް!

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑު ގަންނާނެ ކަމަށް ބުނެ ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެލޮން މަސްކް ކުރި ޓުވީޓަކާއެކު މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުމެއް ގެނުވައިފިއެވެ.

އާންމުކޮށް ޓުވިޓާގައި ސަމާސާ ކުރާ މަސްކް މިއަދު ކުރި ޓުވީޓެއްގައި ސިޔާސީ ވާހަކައަކަށްފަހު ދެން ބުނެފައިވަނީ އޭނާ ޔުނައިޓެޑު ގަންނަ ކަމަށެވެ.

މަސްކް އެހެން ޖެހުމާއެކު މުޅި ޓުވިޓާއަށް ލޮޅުމެއް އައި ކަހަލައެވެ. އެ ޓުވީޓަށް ކުޑައިރުކޮޅެއް ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ ލައިކް ލިބުނު އިރު، އެތައް ހާސް ރީޓުވީޓެއްވެސް ލިބުނެވެ. އަދި އެތައް ބަޔަކު އެއީ ހަގީގަތެއްތޯ އަހައި ސުވާލުވެސް ކުރިއެވެ.

ފޯބްސް މެގަޒިންގައިވާ ގޮތުން 270 ބިލިއަން ޕައުންޑް މިލްކިއްޔާތުގައި ހުރި މަސްކް ޔުނައިޓެޑް ގަންނާނެ ކަމަށް ބުނުމުން އެ ކްލަބުގެ ސަޕޯޓަރުންވެސް ވަނީ ޖަޒުބާތުގައި ޖެހިފައެވެ. އަދި ކްލަބު މިހާރު އޮތް ހާލަތުން ސަލާމަތް ކޮށްދިނުމަށްވެސް އެތައް ބަޔަކު އެދުނު އިރު، އެކަމަކީ ހަގީގާ ވާހަކައެއްތޯ އަހައި، މީހަކު ކުރި ޓުވީޓަކަށް ރިޕްލައި ދެމުން ފަހުން މަސްކް ބުނީ އެއީ ސަމާސާއެއް ކަމަށެވެ.

މަސްކް ބުނީ ކުޅިވަރުގެ ކްލަބަކަށް އިންވެސްޓް ކުރަން ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް ކްލަބެއް ގަންނަ ނަމަ ޔުނައިޓެޑް ގަންނަން ބޭނުންވާ ކަމަށާއި، އެއީ އަބަދުވެސް އޭނާ ލޯބިދޭ ކްލަބު ކަމަށްވެސް މަސްކް ބުންޏެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ޔުނައިޓެޑަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. 2013 ވަނަ އަހަރު ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރިފަހުން އަދި އެ ކްލަބަށް އެންމެ އެކަށޭނެ ކާމިޔާބީއަކާ ހަމައަށް ވާސިލުވެވިފައެއް ނުވެއެވެ. އިނގިރޭސި އެންމެ ތާރީހީ، އަދި އެންމެ ކާމިޔާބު އެއް ކްލަބު ޔުނައިޓެޑަށް ކްލަބު ހިންގުމުގައި އުނދަގޫތަކާ ދިމާވެފައިވުމާއެކު އެކަމުގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން ކްލަބުގެ ވެރިންގެ ގޮތުގައި ތިބި އެމެރިކާގެ ގްލޭޒާ އާއިލާއަށެވެ.

ގްލޭޒާ އާއިލާއާ ދެކޮޅަށް ކްލަބު ސަޕޯޓަރުން ގިނަ ފަހަރުތަކެއްގެ މަތިން މުޒާހަރާކޮށް އަޑުއުފުލާފައިވެސް ވެއެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައިވެސް ޔުނައިޓެޑް ސަޕޯޓަރުން ވަނީ ގްލޭޒާސްއާ ދެކޮޅަށް މުޒާހަރާތައްކޮށް، މެޗެއްވެސް ހުއްޓުވާލައިފައެވެ.

ދުނިޔޭގެ ވިޔަފާރި ވެބްސައިޓް ފޯބްސްއިން އަގުކޮށްފައިވާ ގޮތުގައި، ޔުނައިޓެޑްގެ ޖުމުލަ ހިއްސާގެ އަގަކީ މިހާރު 3.8 ބިލިއަން ޕައުންޑެވެ.