ނުއަގުގައި ގޯތިތައް ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އަގު ހެޔޮ ގޯތި ވިއްކުމާ ގުޅޭ ހުރިހާ ކަމެއް ދެން ކުރިޔަށް ގެންދާނީ ސީދާ އެޗްޑީސީން ކަމަށް ވިދާޅުވެފަ އެވެ. ހައުސިން މިނިސްޓްރީން މިހައިތަނަށް ބަލައިގެންފައިވާ 5000 އަށް ވުރެ ގިނަ ފޯމު ވެސް އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
ވަޒީފާގެ ބިރަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން އޮންލައިން" އާ ވާހަކަ ދެއްކި އެޗްޑީސީގެ މުވައްޒަފަކު ބުނީ އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޕެޓިޝަންގައި ސޮއިކޮށްފައި ކަމަށެވެ.
"މައްސަލަ އަކީ އެޗްޑީސީ އަށް އެއްވެސް ބާރެއް ނެތުން. ހައުސިން އިން އެންގީމަ އެކަން ކުރަން މި ޖެހެނީ. އޮފީސް ތެރެ މިހާރު މި ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައި." އެޗްޑީސީގެ މުވައްޒަފު ބުންޏެވެ.
އެ މުވައްޒަފު ބުނީ މައިގަނޑު މައްސަލަ އަކީ މާކެޓްގައި ބިމުގެ އަގު މިހާ މަތި ދުވަސްވަރެއްގައި އަދި ހުޅުމާލޭގެ ބިމަކީ ރާއްޖޭގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބިމަށް ވާ އިރު ނު އަގުގައި އެބިންތައް ވިއްކުން ކަމަށެވެ. އެ ގޮތަށް އެ ބިންތައް ވިއްކުމަކީ ކުންފުނީގެ ޕޮލިސީ އާ ވެސް ޚިލާފު އަދި އެކަން ކުރުމުން ކުރިމަގުގައި ކުންފުންޏަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ވެސް ވެދާނެ ކަމެއް ކަމަށް އެ މުވައްޒަފު ބުންޏެވެ.
އެޗްޑީސީގެ މުވައްޒަފުން ސޮއިކުރަމުން އަންނަ މި ޕެޓިޝަން ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.