މަސްޖިދުލް ވާލިދައިންގެ ނަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފަޅާއަރައިފި އެވެ.
އޮޅުވާލައިގެން އެހާގިނަ އަދަދެއްގެ ފައިސާ އެ މިސްކިތަށް ހޭދަކޮށްފައިވާކަން ފަޅާއަރާފައިވަނީ، އެ މިސްކިތުގެ މަަސައްކަތް ކުރިއަށްދިޔައިރު، މޯލްޑިވް ގޭހުގެ ސާމާނުތަކެއް އެތަނަށް ގެންގޮސްފައިވާ ކަމަށް ކުންފުނީގެ ލިޔުންތަކަކުން އެނގެން އޮވެގެން އެކަން ބެލުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަމަށް މިހާރު ހަމަޖައްސާފައި ހުންނެވި، ޝަޒައިލް ސިޔާމް ވަނީ އެކަން މިއަދު "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ މިސްކިތަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައި ކަމަށެވެ. އަދި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނު ތިނަދޫއަށް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މިސްކިތުގެ މަސައްކަތް ކުރިއަށްދިޔައިރު، ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަަށް ހުންނެވީ އަބްދުﷲ މައުމޫން (މާނު) އެވެ.
ހުޅުމާލޭ ރެހެންދި ސްކޫލު ކައިރީ އޮންނަ ޓާފް ދަނޑުތަކުގެ ދެކުނުން އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން، ހުޅުވާފައިވަނީ، 2018 ވަނަ އަހަރުގެ އޮގަސްޓް 20ގަ އެވެ.
ހަތް ސަތޭކަ މީހުންގެ ޖާގައިގެ އެ މިސްކިތް އިމާރާތް ކޮށްފައިވަނީ ދެބުރިއަށެވެ.