މޯލްޑިވް ގޭހުން 10 ބުރީގެ އޮފީސް އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭހަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު އެ ކުންފުނީގެ މާލޭ ޑިސްޓްރިބިއުޝަން ޔުނިޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުﷲ ވިދާޅުވީ މޯލްޑިވް ގޭސް ކުންފުންޏަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަނުގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށެވެ.
އެކަމަށް ހައްލު ގެނައުމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފޭސް އެެކެއްގައި މޯލްޑިވް ގޭހުގެ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ކުންފުންޏަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮފީސް އިމާރާތުގެ ގޮންޖެހުން. އެކަމަށް ބިން ހަމަޖެހިގެން ދެ އަހަރު ދުވަހުގެ ތެރޭގައި 10 ބުރީގެ އޮފީސް އިމާރާތެއް ފޭސް އެކެއްގައި އެޅުން. އަޅައި ދިމާވާ ޖާގައިގެ ދަތިކަން ހައްލު ލިބޭނެ،" އަބްދުﷲ ވިދާޅުވިއެވެ.