ޚަބަރު

ހަތަރު މިލިއަން ރުފިޔާގެ ހިޔާނާތުގެ ދައުވާއަށް މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫން އިންކާރުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މައުމޫނު (މާނު) ގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާތަކަށް އޭނާ އިންކާރުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކޮށްފައެވެ.

މާނުގެ މައްޗަށް ކޮށްފައިވާ ދައުވާކުގެ މައްސަލަތައް:

  • 7 އޭޕްރީލް 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން ކޮށްފައިވާ ދައުވާ
  • 7 ޖޫން 2016 ގައި މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަކާއި އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
  • 1 އޯގަސްޓް 2016 ގައި މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
  • 9 އޭޕްރީލް 2017 ގައި މައުމޫނާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލަ
  • 15 މެއި 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ މައްސަލަ
  • 23 އޯ ގަސްޓް 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
  • 8 އޮކްޓޯބަރު 2017 ގައި މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ

އެ މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 4.6 މިލިޔަން ރުފިޔާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލަތަކުގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއީ ދައުވާތަށް އިއްވުމަށާއި ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގައި މައުމޫންގެ މައްޗަށްކުރާ ހަތް ދައުވާ އިއްވައިފައެވެ.

ދައުލަތުން ދައުވާ އިއްވައި ނިމުމުން، މައުމޫން ވަނީ އެ ދައުވާތަކަށް އިންކާރުކުރާ ކަމަށް ވިދާޅުވެފައެވެ.

މައުމޫން، ދައުވާއަށް އިންކާރުކުރެއްވުމާ ގުޅިގެން ޝަރީއަތުން ވަނީ އޭނާއަށް ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަށް ހުށަހެޅުމަށް 12 ދުވަހުގެ މުއްދަތެއް ދީފައެވެ. މައުމޫން ފަރާތުން ހުށަހަޅާ ދިފާއީ ހެއްކާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުން ކަމެއް ހުށަހަޅަން ބޭނުންވާނަމަ، ވަނީ 10 މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

ދައުލަތުން، މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ކުރިއިރު އޭނާ ދިރިއުޅުއްވީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި އެއިރު ހުންނެވި ހުސައިން ޝަމީމް ވަނީ މައުމޫނަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާތަކާ ގުޅިގެން، އޭނާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، ހައްޔަރުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ.

ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނިކޮށް މައުމޫން ވަނީ ރާއްޖެ ވަޑައިގެންފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.