އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން، ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެއްޓެވި މަޝްރޫގައި އެއްބަސް ވުމުގައި ސޮއިކުރި 16 ކުންފުނީގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވަނީ އެންމެ އަށް ކުންފުނިން ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން "ހިޔާ"ގެ ނަމުގައި ފެއްޓެވި ސޯޝަލް ހައުސިން ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހަދަމުން އަންނަ ފްލެޓްތަކާ ބެހޭގޮތުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫއަކީ، 2017 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.
"2017 ވަނަ އަހަރު އެޗްޑީސީން ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި އިދާރާތަކާއެކު ހިޔާ މަޝްރޫއުގެ ދަށުން، މަޝްރޫއު ތަކެއްގައި ސޮއިކޮށްފަ، އެ މަޝްރޫއުތައް އަމާޒު ކޮށްފައިވަނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގައި ސޮއިކުރި ގިނަ ކުންފުނިތަކަކީ އެ ކުންފުނިތަކުގައި އަމިއްލަ ފައިސާއިން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މާލީ، އަދި ފަންނީ ގާބިލްކަން ނެތް ކުންފުނިތައް ކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ބޭރުގެ ފަރާތްތަކަށް ސަބް ކޮންޓްރެކްޓަށްދީ، ބޭރުގެ ބޭންކުތަކުން ލޯނު ނަގައިގެން ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކަކީ މިފަދަ ޕްރޮޖެކްޓްތަކެއް ހިންގައިފިނަމަ ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކުންފުނިތަކެއް ކަމަށެވެ.
އަދި އެގޮތަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަ މުވައްޒަފުންނަށް ބޮޑުއަގުގައި ފްލެޓް ވިއްކަންޖެހި އެފްލެޓްތަކަށް ކުރިން ފައިސާދައްކަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އެޗްޑީސީން އެގްރިމެންޓްހެދި 16 ކުންފުނީގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވަނީ އެންމެ އަށް ކުންފުންޏަކުން ކަމަށެވެ.
އަދި މިސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.