ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކިމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ފްލެޓް ލިސްޓް އާންމު ކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުން ގެންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން، 08 އޮގަސްޓު 2023 ގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން، ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވާކަމަށާއި އެ ފުރުސަތުގައި އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، ކުރީގެ މަރުހަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފުސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދެމެވެ. މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 15 އޭޕްރިލް 2025 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައެވެ.
ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރި އިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާ އެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ގިނަ ފަރާތްތައް ޝަރުތު ހަމަނުވީ ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ނޫން އެހެން ޑޮކިއުމަންޓް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން ރަށުގައި ދިރިނޫޅޭ ކަމަށް ބަޔާންކޮށް ކައުންސިލްތަކުން ދީފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.