އިބްރާހިމް ޒަކީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިއުލާން ކުރި ފްލެޓް ލިސްޓުގެ ބޭރުން 577 މީހަކަށް މި ސަރުކާރުން ނެރުނު ލިސްޓުން ފްލެޓް ދޭން ނިންމާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގޯސްތަކެއް އުޅޭ ކަމަށް ބުނެ، މި ސަރުކާރުން ވަނީ އެ ލިސްޓު ރިވިއުކޮށް 27 ފެބްރުއަރީ 2025 ގައި ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ނެރެފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ.
ފްލެޓް މައްސަލައިގައި އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އިބުރޭ ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 27ގައި ނެރުނު މި ސަރުކާރުގެ ފްލެޓް ލިސްޓު ބެލިއިރު، މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތާ ހިލާފަށް ކަންކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެއްލެވި ކަމަށް މުއްތަލިބް ވިދާޅުވި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި 56 ބޭފުޅެއްގެ މާކްސްއާ ކުޅޭ މާކްސް މަތިކޮށްފައިވޭ. މި ބޭފުޅުން މި އެއްޗެހި އަލުން ރިވިއުކުރީ ނުވަތަ އަލުން މި ޕޮއިންޓްތައް ބަދަލުކުރީ ކޮން އުސޫލަކުން އަދި ކޮން ހަމައަކުންތޯ ބެލޭނެ ގޮތެއްވެސް ނެތް،" އިބުރޭ ވިދާޅުވިއެވެ.