ރާއްޖެގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް ދިވެހި ސިފައިން އަތުލައިގަތް ސްރީލަންކާގެ ހަތަރު މަސްބޯޓު ފުލުހުންނާ މިއަދު ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހަތަރު ބޯޓުގައި 25 މީހުން ތިބި ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހަތަރު ބޯޓުވެސް މިހާރު އޮތީ ހުޅުމާލޭ ފަޅުގައި ކަމަށާއި އެމީހުންވެސް ތިބީ ބޯޓުތަކުގައި ކަމަށެވެ.
އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލަންކާގެ ހަތަރު މަސްބޯޓު އަތުލައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ.
ލަންކާގެ ހަތަރު މަސްބޯޓު އެމްއެންޑީއެފުން އަތުލައިގެންފައިވަނީ ރާއްޖޭގެ އުތުރުން ކެލާއާ 103 ނޯޓިކަލް މޭލު ބޭރުގައި، ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކަމަށެވެ.
މިހަތަރު ބޯޓު ކުޅުދުއްފުށްޓަށް ގެނެސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.