މިނިސްޓްރީ އޮފް ހެލްތް

އުފެދުމުގައި އައިބުތައް ހުންނަ ކުދިންނާ ގުޅޭ ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

އުފެދުމުގެ އައިބުތައް ހުންނަކުދިންނާބެހޭ ދުވަސް (ވާރލްޑް ބަރތް ޑިފެކްސް ޑޭ) ގެ ހަރަކާތްތައް ރާއްޖޭގައި ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ ތިންވަނަ ދުވަހަކީ ވާރލްޑް ބަރތް ޑިފެކްސް ޑޭ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަސް ކަމަށްވުމުން އެދުވަސް ރާއްޖޭގައި މިއަދުން ފެށިގެން ފާހަގަކުރާނެ ކަމަށެވެ.

އެގޮތުން ވޭތުވެ ދިޔަ ތިން އަހަރު އައިޖީއެމްއެޗްގައި ހުރި ބާރތް ޑިފެކްޓްސްގެ މައުލޫމާތުތައް ދިރާސާކޮށް އެމައުލޫމާތުތައް ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމާއި ފާއިތުވި އަހަރު ތައްޔާރުކޮށް ނެރެފައިވާ އުފަންވާކުދިންގެ މެދުގައި ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިޒީޒް ހުރިކަން ދެނެގަތުމަށް ސްކްރީންކުރުމާބެހޭ ޕްރޮޓޮކޯލަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ކުރިއަށް ގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެޗްޕީއޭ އާއި އައިޖީއެމްއެޗާއި އެމްއެންޔޫގެ ސްކޫލް އޮފް ނަރސިންގ އާއި ފެކަލްޓީ އޮފް ހެލްތް ސައިންސް ގުޅިގެން، އުފެދުމުގެ އައިބުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ބަލިވެއިނުމަށް ތައްޔާރުވާ މަރުހަލާގައި، މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތް މަސައްކަތު ބައްދަލުވުމެއް މިމަހުގެ 12 އިން 13 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އުފެދުމުގައި އައިބު ހުންނަ ކުދިން ލިބުން މަދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނުއިރުމަތީ އޭޝިއާގެ "ބާރތު ޑިފެކްޓްސް ސަރވެއިލަންސް" ނިޒާމް ރާއްޖޭގައިވެސް 2015 ވަނަ އަހަރު ގާއިމުކޮށްފައިވާއިރު، އެ ނިޒާމަށް އަހުލުވެރިކުރުވުމަށާއި މައުލޫމާތުތައް އެއްކުރުމާގުޅޭ ގޮތުން މާލެ އާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ކަމާބެހޭ ތަމްރީންތައް ހިންގައި މި ނިޒާމުގެ ދަށުން ރީޖަނަލް އަދި އަތޮޅު ލެވެލް ގައި މިހާރު މައުލޫމާތު އެއްކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އަހަރަކު އަށް މިލިއަން ކުދިން އުފަންވަނީ އުފެދުމުގެއެކި އައިބުތަކާ އެކުއެވެ. ޅަފަތުގައި ނުވަތަ އުމުރުން އެއް އަހަރު ފުރުމުގެ ކުރީން މަރުވާ ކުދިންގެ ތެރޭގައި އުފެދުމުގައި އައިބު ހުންނަ ކުދިން ގިނަކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.