ގދ. ގައްދޫ

ގައްދޫގައި ފިހުނު ކުއްޖާ: ތިނަދުއަށް ފޮނުވާލީ މަރުކަޒުގައިވެސް ބޭސް ފިހާރައިގައިވެސް އުނގުޅާ ބޭސް ނެތިގެން

ޝަހީދާ އަބްދުﷲ ސައީދު

ގދ. ގައްދޫގައި އިއްޔެ ފިހިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖާ، ތިނަދޫގައި ހުރި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިލީ ސިއްހީމަރުކަޒުގައާއި އެރަށުގައި ހުރި އެސްޓީއޯ ބޭސް ފިހާރައިގައި ވެސް ފިހުމުން އުނގުޅާ ބޭސް ނެތުމުން ކަމަށް ގައްދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ގައްދޫގައި ތުއްތު ކުއްޖަކު ފިހުނު މައްސަލައިގައި ''ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ގައްދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު ސީޒާ ވިދާޅުވީ ކުއްޖާ ފިހިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެ 8 ޖަހާކަށް ހާއިރު ކަމަށެވެ.

އެވަގުތު މަރުކަޒުން ދެވެންހުރި އަވަސް ފަރުވާ ދީފައިވާނެ ކަމަށާއި ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލީ ފިހިފައި ހުރި ތަންތަނުގައި އުނގުޅާނެ ބޭސް ނެތުމުން ކަމަށް ސީޒާ ވިދާޅުވިއެވެ.

ސީޒާ ވިދާޅުވީ އުނގުޅާ ބޭސް ސިއްހީ މަރުކަޒުގައި ނެތުމުން އެރަށުގައި ހުރި އެސްޓީއޯ ބޭސް ފިހާރައިން ބޭސް ހޯދަން ބެލިއިރު އެތަނުގައި ވެސް އުނގުޅާ ބޭސް ނެތް ކަމަށް ފިހާރައިން ބުނެފައިވާ ކަމަށެވެ. ތިނަދޫގައި ހުރި އެސްޓީއޯ ބޭސް ފިހާރައިންވެސް ބޭސް ނުލިބޭ ކަމަށް ފިހާރައިން ބުނި ކަމަށް ސީޒާ ވިދާޅުވިއެވެ.

''ފިހިގެން ގެނައި ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލީ ސިއްހީ މަރުކަޒުގައިވެސް އަދި އެސްޓީއޯ ފިހާރައިގައިވެސް އުނގުޅާ ބޭސް ނެތީމަ. އެކަމަކު ތަދު ކަނޑުވައި ދިލަ ކަނޑުވާލަން ވަގުތުން ފަރުވާ ދިނިން.'' ސީޒާ ވިދާޅުވިއެވެ.

އިއްޔެ ދިހައެއް ޖެހި އިރު ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ފޮނުވައިލާފައިވާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި އާމިނަތު އަބްދުލްހަކީމް މިއަދު ވިދާޅުވީ ފިހިގެން އިއްޔެ ގެނައި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ފިހިފައިވަނީ ހަތް ޕަސެންޓް ކަމަށް ވިދާޅުވި އެވެ.

''ކުއްޖާ ގެނައި އިރުވެސް ހާލު ސީރިއަަސްއެއް ނޫން. ހަށިގަނޑުގެ ހަތް ޕަސެންޓް ވަރު ފިހިފަހުރީ. މިހާރު ރަނގަޅު. އިތުރު އެއްވެސް މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުން ވިދާޅެއްނުވޭ.'' އާމިނަތު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާ ފިހުނީ އިއްޔެ ހެނދުނު 7 ޖަހާކަށްހާއިރު ގަޔަށް ސައިތަށި ބަންޑުންވެގެންނެވެ.