ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގދ. އަތޮޅު ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. އޭގެ ތެރެއިން ގދ. އަތޮޅު ފައިނަލުގައި ވާދޫން ގައްދުއާ ދެކޮޅަށް ނުކުތް އިރު، އެމެޗު ވާދޫން ކާމިޔާބުކުރީ 3-0 އިންނެވެ.
މިއީ ވާދޫން ޖެހިޖެހިގެން އަތޮޅު ތަށި ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމުން ވަނީ މިރޭގެ ފައިނަލާއެކު 2022، 2023ގެ އިތުރުން 2024 އަދި 2025 ވަނަ އަހަރުވެސް ގދ. އަތޮޅު ތަށި ހޯދައިފައެވެ.
މެޗު ފެށިގެން ވާދޫން ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އެޓީމަށް ގޯލު ޖަހައިދިނީ މުހައްމަދު ނާއިލްއެވެ. އެ ގޯލާއެކު ރަނގަޅަށް ފެށި ވާދޫން ހާފު ނިމެން ދަނިކޮށް އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލުވެސް ޖެހީ ނާއިލްއެވެ.
ވާދޫން ތަށި ޔަގީންކުރީ ނާއިލްގެ ހެޓްރިކާވެސް އެކުގައެވެ. އޭނާގެ ހެޓްރިކް ފުރިހަމަަކުރީ މެޗު ނިމެންދަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.
ގދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ވާދޫގެ ނަޝާހު އަހުމަދު (ނައްޓު) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: މ. ދިއްގަރު - މ. މުލައް (އަތޮޅު ފައިނަލް)
ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. މަގޫދޫ (އަތޮޅު ފައިނަލް)
21:30
ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (އަތޮޅު ފައިނަލް)