މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ޗިކަން ގުންޔާ ޖެހިގެން 206 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިކަން އާންމުކޮށްފައިވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާއި މެދު އެ އިދާރާއިން މިއަދު އާންމުކުރި ރިޕޯޓެއްގައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި 75 މީހުން ޗިކަން ގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި 32 މީހުން ޗިކަން ގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކަށް ވުރެ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުން އިތުރުކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެގޮތުން ޖުމްލަކޮށް ޖެނުއަރީގައި ޑެންގީގެ 518 ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ މަހުގެ ފަހު ހަފްތާގައި 98 މީހަކު ޑެންގީ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މިއަދަދު ފެބްރުއަރީ މަހު ވަނީ ދަށަށް ގޮސްފައެވެ. ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި 51 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ޖުމްލަގޮތެއްގައި އެ މަހު 368 މީހުން ވަނީ ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ޑެންގީން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުން ގިނަ ނަމަވެސް ފާއިތުވި އަހަރާ އަޅައި ބަލާއިރު އެ އަދަދު މަދުކަމަށް އެޗްޕީއޭއިން ފާހަގަ ކުރެއެވެ. މި އަހަރުގެ ޖެނުއަރީ މަހު 5500 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައި ވާއިރު 3319 މީހުން ވަނީ ފެބްރުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައެވެ.