އަންހެނުން

ވުމެންސް ޗެމްބަރު އުވައިލައި އާ ޗެމްބަރެއް އުފައްދަން ނިންމެވުމަކީ ދެރަ ކަމެއް: އަނީސާ

ރާއްޖޭގައި އުފައްދާފައިވާ ވުމެންސް ޗެމްބަރު އުވާލައި އާ ޗެމްބަރެއް އުފައްދަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ނިންމެވުމަކީ ވަރަށް ދެރަކަމެއް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަނީސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ''ވޮމެންސް ޗެންބަރ'' އުވާލައި، އާ ޗެމްބަރެއް އުފައްދަން މިނިސްޓަރު ނިންމަވައިފައިވާ ކަމަށެވެ.

އަދި އެއީ ވަރަށްގިނަ އަންހެން ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ޖަމުއިއްޔާއެއް ކަމަށް އަނީސާ ވިދާޅުވިއެވެ.

އަނީސާ މިފަދައިން ވިދާޅުވެފައިވަނީ ''ވިމެން، ބިޒްނަސް އެންޑް ދަ ލޯ 2019'' ގެ ނަމުގައި ވަރލްޑް ބޭންކުން ޝާއިއުކޮށްފައިވާ ރިޕޯޓުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވަޒީފާ ހޯދުމުގައާއި ވިޔަފާރީގެ ދާއިރާގައި، ތަފާތުކުރުންތައް އެންމެ ކުޑަ ގައުމަކީ ރާއްޖެކަމަށް ދެއްކުމާ ގުޅިގެންނެވެ.

އެރިޕޯޓުގައި ރާއްޖެއާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރަކުރުން މަނާކޮށްފައިވުމާއި، މެޓާނެޓީ ލީވް ލިބޭނެ އިންތިޒާމް އޮފީސްތަކުގައި ގާއިމްކޮށްފައިވުމުގެ އިތުރަށް ލޯނުތައް ދިނުމުގައި ދެ ޖިންސު ދެމެދު ތަފާތު ކުރުން މަނާކޮށްފައިވުންފަދަ ކަންތައްތައް ހިމެނެއެވެ.