އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުމުގައި ދެގައުމުގެ ސިފައިން ތިބި ސަރަހައްދަށް ދިން ހަމަލައިގައި އަށަކަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ދެގައުމުގެ ސިފައިންގެ ޕޯސްޓަށް ހަމަލާ ދީފައިވަނީ ޕާކިސްތާނުން އަތުލައިގެންފައިވާ އިންޑިއާގެ ޕައިލެޓު ދޫކޮށްލުމަށްފަހުއެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދުން އިންޑިއާގެ އަސްކަރީ ޖެޓު ހުރަސްކުރުމާއެކު ދެގައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.
އެއާއެކު މިދިޔަ ބުދަ ދުވަހު ވަނީ އެ މައްސަލަ އިތުރަށް ހޫނުވެ ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ޖެޓެއް ވައްޓާލައިފައެވެ. އެ ހާދިސާއާ ގުޅިގެން ޕައިލެޓަކު މަރުވެފައިވާއިރު އިތުރު އެއް ޕައިލެޓު ވަނީ ޕާކިސްތާނުން އަތުލައިގެންފައެވެ.
އެއަށްފަހު މިދިޔަ ހުކުރު ދުވަހު ވަނީ ޕައިލެޓު ދޫކޮށްލައިފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެގައުމުން އިންޑިއާގެ ޕައިލެޓު މިނިވަންކުރީ ސުލްހައިގެ ރަމްޒެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ޕައިލެޓަށް މަރުހަބާ ވިދާޅުވެފަ އެވެ. މޯދީގެ ޓްވީޓުގައި ވަނީ ޕައިލެޓުގެ މަސައްކަތަށް ތައުރީފުކޮށް އިންޑިއާ ސިފައިންނަށް ހިތްވަރުދެއްވައިފައެވެ.