ސްޕެއިން

ސްޕެއިންގެ ތަރި، ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ އެލެކްސިއާ ޔޫރޯގައި ނުފެންނާނެ

1

މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމާއެކު ބެލޮންޑިއޯ އެވޯޑްސް ހޯދި ސްޕެއިނުގެ ތަރި، އަލެކްސިއާ ޕުޓޭޔާސް އަށް އަނިޔާގެ ސަބަބުން މި ފަހަރުގެ އަންހެން ޔޫރޯ މުބާރާތުގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިދިޔަ އަންގާރަ ދުވަހު ފަރިތަކުރުންތަކުގެ ތެރެއިން ސްޕެއިނުގެ ކެޕްޓަން، އަލެކްސިއާ، 28، ގެ ކަކުލަށް ލިބުނު އަނިޔާގެ ސަަބަބުން އިތުރު ޓެސްޓްތައް ހެދުމުން އެނގުނީ އެންޓީރިއާ ކްރޫސިއެޓް ލިގަމެންޓް (އޭސީއެލް) ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، ޔޫރޯގައި މި ފަަހަރު އަލެކްސިއާ ނުފެންނާނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

ފީފާއިން ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ދޭ ބެސްޓް އެވޯޑްސް 2021 ވަނަ އަހަރު ހޯދި އަލެކްސިއާ ވަނީ ސްޕެއިން ގައުމީ ޓީމަށް 100 މެޗު ކުޅެދީ 27 ގޯލު ޖަހައިފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަލެކްސިއާ ވަނީ 11 ގޯލު ޖަހައިފައެވެ. އަދި ސްޕެނިޝް ލީގު ބާސެލޯނާ އިން ޖެހިޖެހިގެން ތިން ފަހަރު ހޯދިއިރު، އަލެކްސިއާ ވަނީ 18 ގޯލު ޖަހައިފައެވެ. އެހެންވެ، މި ފަހަރުގެ ޔޫރޯ އަށް ސްޕެއިނުން ކާމިޔާބެއް ހޯދަން ބަރޯސާވި އެއް ކުޅުންތެރިއަކީ އަލެކްސިއާއެވެ. އެކަމަކު، އަލެކްސިއާ އަށް ލިބުނު މި އަނިޔާގެ ސަބަބުން ސްޕެއިން ޓީމަށް މި ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ސްޕެއިނުން އަންހެން ޔޫރޯ ފަށާނީ ހުކުރު ދުވަހު ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ފިންލޭންޑުގެ އިތުރުން އަންހެން ޔޫރޯގެ ގްރޫޕް ބީގައި އޮތީ ސްޕެއިނާއި ޖަރުމަނި އަދި ޑެންމާކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟