އަލްހާން ފަހުމީ

ދައްކަނީ ދެމީހެއްގެ ފޮޓޯ، އެމްޑީޕީގެ ވެރިކަމުގައި ޖަލުގައި މަރުވި މީހުންގެ ހައްގުތައް ކޮބައިތޯ؟ : އަލްހާން

ޝަހީދާ އަބްދުﷲ ސައީދު

ގޮތް ނޭނގޭ މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދަން އަންނަ މީހުން އަންނަނީ ދެ މީހެއްގެ ފޮޓޯ ހިފައިގެން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ޖަލުގައި މަރުވި މީހުންނާއި އަނިޔާވެރި ގޮތްގޮތަށް މަރާލައިފައިވާ މީހުންގެ ހައްގުތައް އެކޮމިޝަނުން ހޯދައި ނުދެނީ ކީއްވެތޯ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް، އަލްހާން ފަހުމީ ސުވާލު އުފައްދަވައިިފިއެވެ.

ސަންގު ޓީވީގެ ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ މަރުތައް ބަލާ ކޮމިޝަނަށް ބާރުތައް ނުދީގެން މަޖިލީހުގެ އިދާރާ ސަރަހައްދަށް އެއްވި މީހުން ގެންގުޅެނީ ގެއްލުވާލާފައިވާ ކަމަށް ބެލެވޭ ރިލްވާންގެ ފޮޓޯއާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ ފޮޓޯ އެކަނި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީ އާއި އަދި އެމްޑީޕީގެ ވެރިކަމުގައި ޖަލުގައި މަރުވެ ދިޔަ އެތައް ބައެއްގެ ހައްގުތައް ހޯދުމަށް ކޮމިޝަނުން މަސައްކަތް ނުކޮށް ވަކި މަގުސަދެއް ހާސިލު ކުރަން މަސައްކަތް ކުރުމުން ކޮމިޝަންގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދެއެވެ.

އަލްހާން ވިދާޅުވީ ތަހުގީގު ކުރުމުގެ ގާނޫނީ ބާރުތަކާއި ޒިންމާތައް މަތިކޮށްފައިވާ އިދާރާތައް އެބަހުރި ކަމަށެވެ.

އެގޮތުން ޕޮލިސް ކޮމިޝަނަރަކީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރައްވާ ބޭފުޅެއް ކަމަށް ވެފައި، ފުލުހުންނަކީ ތަހުގީގު ކުރުމުގެ ބާރުތައް ދީފައިވާ ބަޔަކަށްވުމުން ދެން އިތުރު ކޮމިޝަނެއް ހަދަންޖެހޭނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ރިޔާސީ ކޮމިޝަނެއް ހަދަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.