ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް ވެސް ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަލްހާން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެވުނު ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް ޔާމީން ޖަލަށް ލެވުނު ކަމަށެވެ. އަދި ޖަލަށް ލާން ޖެހޭ މީހަކު ޖަލަށް ލާންވާނީ ޝަރީއަތުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ޝަރީއަތް ކުރެވިގެން އެމީހެއްގެ މައްޗަށް ހެކި ހުރެގެން، އަދުލު އިންސާފުގެ މަގުން ހިންގޭ ޝަރީއަތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ ސަރުކާރުން ބޭނުންވަނީ އަބަދުވެސް، ރައީސް މައުމޫނު އިރުއްސުރެއް ފެށިގެން މިއަދާ ހަމައަށް ވެސް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ ސަރުކާރުން ސީދާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަން. އެހެންވީމާ ސަރުކާރުން އެބަޖެހޭ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލަން. ތިމަންނަމެން ބޭނުންވާ ގޮތަކަށް އެމީހުންނަށް ބިރުދެއްކޭ ގޮތަށް ހާލަތު މިއޮތީ،" އޭނާ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ފަނޑިޔާރުންގެ ގޮނޑިތައް ހިފެހެއްޓެނީ ސިޔާސީ މީހުންގެ ރުހުން ލިބިގެން ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެޖޯރިޓީ އޮންނަނީ މެޖޯރިޓީ އޮންނަ ސިޔާސީ ފަރާތްތަކަށް ކަމަށެވެ. އަދި އެހެންވުމުން ފަނޑިޔާރުން ޒިންމާދާރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފަނޑިޔާރަކު ގޯސްކޮށް ކަމެއް ކުރާކަމަށްވާނަމަ، އެ ޝަކުވާ ކުރަން މިޖެހެނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި. އެ ޝަކުވާ ބަލަން މި ތިބެނީ ސިޔާސީ މީހުންނާއި ފަނޑިޔާރުންނާ. އެއީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ދާ މީހަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބާއި، މިއީ ހުސް ސިޔާސީ ބޭފުޅުންނެއް ނޫންތޯ. އެހެންގޮސް މިއަދުގެ ހާލަތަކީ މި ކޮމްޕޮސިޝަން އޮންނަ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެޖޯރިޓީއަކީ ސިޔާސީ މީހުން. އެހެންވީމާ ފަނޑިޔާރު ހޫނު ފެނަށް ލާން މިތިބީ ސިޔާސީ މީހުން. އެގޮތަށް މިކަމެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.