ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިންގަން ތިބި ބައެއް އިސްވެރިންނަކީ އަދިވެސް ހުދުމުހުތާރު ސިފަތަކާ އެކީ ނޫނީ އެކަން ކުރަން ނުދަންނަ ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަލްހާން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖެއަކީ އޭގެ ޒާތަށް ބަލާ އިރު، އަދިވެސް ވަރަށް ޅަފަތުގެ ޑިމޮކްރަސީއެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިންގަން ތިބި ބައެއް އިސްވެރިންނަކީ އަދިވެސް ހުދުމުހުތާރު ސިފަތަކާ އެކީ ނޫނީ މިކަން ކުރަން ނުދަންނަ މީހުން. މިސާލަކަށް ބަލާ އިރު، މިދާއިރާއަށް އެންޑޯސް ކުރައްވާފައި އޮތް ރައީސް މައުމޫންގެ ޕާޓީ އެމްއާރުއެމް، އެމްއާރުއެމްއަކީ ޕާޓީއެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ގައުމަށް ހިދުމަތެއް ނުކޮށްދެވޭ ނަމަ، އެއްވެސް މީހަކީ ގައުމަށް މުހިންމު މީހަކަށް ނުވާނެ ކަމަށާއި އެގޮތަށް އޭނާއަށް ވެސް ގައުމަށް ހިދުމަތެއް ނުކޮށްދެވޭ ނަމަ ގައުމަށް މުހިންމެއް ނުވާނެ ކަމަށެވެ،
"އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައަކީ ގައުމަށް މުހިންމީ އަލްހާން ފަހުމީތޯ، މުހިންމެއް ނުވާނެ. ގައުމަކަށް އަޅުގަނޑު ވަކި ފަރުދެއްގެ ހައިސިއްޔަތުން ކޮން ގޮތަކުންތޯއޭ މުހިންމު ވާންވީ އަޅުގަނޑަށް ގައުމަށް ހިދުމަތެއް ނުކޮށްދެވޭ ކަމަށްވާނަމަ. އަޅުގަނޑަށްޓަކައި އަޅުގަނޑު ޕާޓީ ހަދައި، އަޅުގަނޑަށްޓަކައި އަޅުގަނޑު ސިޔާސަތު ކަނޑައަޅައި، އަޅުގަނޑުގެ ގަޔަށް ހެޔޮވަރުވާ ވަރަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ވެސް ބައްޓަންކުރަން ވެއްޖެއްޔާ ދެން ކޮބައިތޯ ގައުމާއި ރައްޔިތުން މިތާނގައި،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ ރައީސް މައުމޫން ރިފޯމް މޫވްމަންޓް މިހާރު ކުއްލިއަކަށް މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ބަދަލުވެފައިވާ ކަމަށާއި ރައްޔިތުން އަދި ޒުވާނުން ވެސް މަސައްކަތްކުރަންވީ ވަކި މީހަކަށްޓަކައި، ވަކި މީހެއްގެ ރޫހާނީ ލީޑާޝިޕް ދިރުވުމަށްޓަކައެއް ނޫން ކަމަށެވެ.