އަލްހާން ފަހުމީ

ޕާޓީއެއްގެ ލީޑަރު ވިދާޅުވާހާ ގޮތަކަށް ހުރިހާ ބޭފުޅުން ވާހަކަދައްކަވާކަށް ނުޖެހޭނެ: އަލްހާން

ޕާޓީއެއްގެ ލީޑަރު ވިދާޅުވާހާ ގޮތަކަށް ހުރިހާ ބޭފުޅުން ވާހަކަދައްކަވާކަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަލްހާން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށެވެ.

"ކޮންމެ ބޭފުޅަކު، ކޮންމެ މެމްބަރަކު ހުށަހެޅުއްވިޔަސް ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި އަޅުގަނޑު އެއްބާރުލުން ދޭނަން. އަޅުގަނޑު އެކަމަކަށް ތާއީދު ކުރާނަން. ކޮންމެ ޕާޓީއެއްގެ ލީޑަރު ވިދާޅުވާ ގޮތަކަށް ހުރިހާ ބޭފުޅުން އެނބުރޭކަށް، ވާހަކަދައްކާކަށް އަތް ނަގާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހަޅުއްވާ ކަމެއްވިޔަސް ރައްޔިތުންނަށް އޭގެ ފައިދާ ފުޅާދާއިރާއެއްގައި ނެތް ކަމެއް ކަމަށްވާނަމަ، އެކަމަކަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ބޭނުންވޭ ރައްޔިތުންނަށް އެވާހަކަ ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ ބައިވެރިވުން އެ ޕާޓީތަކުގައި އޮވެގެން ސިޔާސަތު ކަނޑައަޅާ ޕާޓީތަކަކަށް ވާން،" އޭނާ ވިދާޅުވިއެވެ.