އަލްހާން ފަހުމީ

ޒުވާނުން ހަލާކުވީ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ސަބަބުން: އަލްހާން

1

ޒުވާނުން ހަލާކުވީ 30 އަހަރުގެ ވެރިކަމުގައި ދިވެހިރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަލްހާން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެކަންކަމުގެ އަވައިގައި ޖައްސާފައި ސަރުކާރުތަކުން ޒުވާނުން ކުށަށް އަރައިގަތުން ހުއްޓުވުމަށް މަސައްކަތްނުކޮށް އެ ޒުވާނުން ކުށްވެރިކޮށްފައި އެ ޒުވާނުންނަކީ ކުށްވެރިންކަމަށް ކަނޑައަޅައި، ލޭބަލް ޖަހައި، ގުންޑާއިންނާއި ގޭންގުސްޓާރުން ކަމަށް ހަދާފައި މިއަދު ދައުލަތުގެ ވަޒީރުން ވާހަކަދައްކަވާ ކަމަށެވެ.

"ތިރީސް އަހަރުގެ ވެރިކަމާއެކީގައި ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާއި ބޯންދިންހާ އެއްޗެހިން ދިވެހި ޒުވާނުން ހަލާކުވީ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް. އެހެންވީމާ އެކަންކަމުގެ އަވައިގައި ޖައްސާފައި ސަރުކާރުތަކުން ޒުވާނުން ކުށަށް އަރައިގަތުން ހުއްޓުވުމަށް މަސައްކަތްނުކޮށް އެކުދިން ކުށްވެރިކޮށްފައި އެކުދިންނަކީ ކުށްވެރިންކަމަށް ކަނޑައަޅައި، ލޭބަލް ޖަހައި، ގުންޑާއިންނާއި ގޭންގުސްޓާރުންނަށް ކަމަށް ހަދާފައި މިއަދު ދައުލަތުގެ ވަޒީރުން ވާހަކަދައްކަނީ. އަޅުގަނޑު ދަންނަވާނީ ތިގޮތަކަށް ނޫނޭ މިކަން ކުރެވޭނީކީއެއް، ގައުމު އިސްލާހު ކުރެވޭނީކީއެއް،" އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އޭގެން ކޮންމެ ޒުވާނެއްގެ ހަޔާތާ ދޭތެރޭ އެ ޒުވާނެއްގެ މައިންބަފައިންނާއި އެ ޒުވާނުން ވެސް ވިސްނާނެ ކަމަށާއި ބެލެނިވެރިކަމާއި މަދަރުސީ ހަޔާތުން ފެށިގެން ދައުލަތުގެ ލެވެލްގައި ވެސް ރާއްޖޭގެ މުޖުމަތަމައު ބިނާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

"މީހާ ލާފައި ހުންނެ ހެދުމަކުން، މީހާ ހުންނަ ގޮތަކުން، މީހާގެ ބޮލުގެ އިސްތަށިގަނޑު ހުންނަ ގޮތަކުން އަދި އެގޮތަށް ވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކުށުގެ ވެށީގައި ނުވަތަ ކުށަށް އަރައިގަނެވޭ ފަދަ ހާލަތްތަކުގައި ތިބި ޒުވާނުން ކުށުގެ ވެށިން ދުރުކުރަން. މި ކެމްޕޭން މިހާ ހިސާބަށް އައި އިރު ތަފާތު އެކިއެކި ފާޑުކިޔުންތައް އައިސްފައިވޭ. އޭގެ ތެރެއިން އެއް ކަމެއް އާދަޔާ ހިލާފަށް ގުންޑާއިން ގޮވައިގެން އަޅުގަނޑު ކެމްޕޭން ކުރާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ އުމުރުގެ މީހުންގެ ތެރޭގައި ވެސް އަދި މެދު އުމުރުގެ މީހުންގެ ތެރޭގައި ވެސް އަހުލާގީ އެކިއެކި މައްސަލަތައް ހުރި މީހުން އެބަ ތިބި ކަމަށާއި އޭނާއާ އެކީގައި މަގުމަތީގައި ތިބޭ ތިބުމުގައި ބޯ ދިގުކޮށްފައި ހުންނަ ހުރުމަކީ އެއީ އެ ޒުވާނުންނާ ދިމާއަށް ކުށްވެރިން ކަމަށް ދެކި ނުވަތަ ގޭންގުސްޓާރުން ކަމަށް ދެކި ބަޔަކު އިނގިލި ދިއްކޮށް އެ ޒުވާނުންގެ އަބުރު ކަތިލައި، އެ ޒުވާނުންގެ އާއިލާއާއި އެ ޒުވާނުންގެ މައިންބަފައިންގެ އިއްޒަތް ކަނޑާލަން ލިބޭ ފުރުސަތެއް ނޫން ކަމަށެވެ.

"އެއް ކުއްޖެއްގެ އާއިލާގެ ތެރޭގައި ހިނގާފައި ހުންނަ ކުށެއް ނުވަތަ ކުށެއް ކޮށްފައިވާ ޒުވާނުންތަކެއްގެ ތެރޭގައި ކުއްޖަކާ ދިމާއަށް އިނގިލި ދިއްކޮށްފައި އެއީ މިވެނި ކަމެއް ކުރާ ބައެކޭ، އެއީ މިވެނި ކަމެއް ކުރި މީހެކޭ ބުނެ ވާހަކަދައްކާ ސިޔާސީ މީހުން ފުރަތަމަ ގަބޫލުކުރަންވީ ތިމަންނަމެން ގައުމެއް، މުޖުތަމައެއް ތަރުބިއްޔަތު ކުރަން ނުކުންނަ އިރު އެންމެ މުހިންމު އަސާސަކީ، އެންމެ މުހިންމު އެއް ބަހާއަކީ އެގައުމެއްގެ ޒުވާން ޖީލުކަން. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލު މަގުމަތިވެގެން ގެއްލެނިވެގެން ދާތީ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟