އެމްޑަބްލިއުއެސްސީ

މާލޭގައި ބާވެފައި ހުރި މީޓަރުތައް ބަދަލުކޮށް، ފެނުގެ ވިއުގާ ބަދަލުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި ބާވެފައި ހުރި ފެން މީޓަރުތައް ޒަމާނީ ފެންވަރުގެ މީޓަރުތަކަށް ބަދަލުކޮށް، ފެނުގެ ޕްރެޝަރު ރަނގަޅު ކުރުމަށް ފެނުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު ވިދާޅުވީ މަލޭގެ ބައެއް ގޭގޭގައި ހުރި މީޓަރު ތަކަކީ ވަރަށް ކުރިން ހަރުކޮށްފައި ހުރި މީޓަރުތަކެއް ކަމަށާއި ބައެއް މީޓަރުތައް ވަރަށްބޮޑަށް ބާވެ، ހަޑިވެފައިވާ ކަމަށެވެ.

އެހެންކަމުން ފެން މީޓަރުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ގާތްގަނޑަކަށް އަހަރެއްހާ ދުވަސްތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިމާރާތުގެ މަތީ ފުލޯތަކަށް ފެނުގެ ޕްރެޝަރު ދަށްވާތީ އެކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވައި އާޒިމު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

''ފެނުގެ އާ ވިއުގައެއް ގާއިމްކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އިމާރާތުގެ މަތީ ބައިތަކަށް ފެނުގެ ޕްރެޝަރު ދަށްވާތީ ޝަކުވާ ލިބޭ. ހާއްސަކޮށް ހުކުރު ދުވަހު އެމައްސަލަ ވަރަށް ބޮޑަށް ކުރިމަތިވޭ. އާ ވިއުގަ އާއެކު އެމައްސަލަ ހައްލުވެގެންދާނެ.'' އާޒިމު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަންކްޝަނުން މަގުތަކަށް ނަޖިސް ލީކުވާ މައްސަލަ ފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށެވެ. އެކަން ހައްލުކުރުމަށް ކޮންމެ ރެއަކު ނަރުދަމާ ނެޓްވޯކު ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާނެ ކަމަށާއި އަދި އަހަރަކު އެއް ފަހަރު ސްވަރޭޖު ނެޓްވޯކު އެއްކޮށް ސާފުކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.