މާލޭގައި ދިރިއުޅޭ ޒުވާނުން އެއްބައިކުރުމަށް "އަލްހާން ސްޓީރީޓް ސޮކާ ކަޕް"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގެ ގުރުލުން ރޭ ބާއްވައިފި އެވެ.
މި މުބާރާތަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. 33 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ހިންގުމަށް ހަވާލުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބާއެވެ.
ރޭ އަލްހާންގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި މި މުބާރާތުގެ ގުރުއަތު ނެގުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އަލްހާން ވަނީ މި މުބާރާތަކީ އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ރާވާ ހިންގާ ފުޓްސަލް މުބާރާތެއްކަމަށް ވިދާޅުވެފައެވެ. އަދި އެހާ ފުރިހަމަކޮށް މުބާރާތުގެ ކަންކަން ހިންގަމުން ގެންދާތީ އަލްހާން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން އަލްހާން ވަނީ މި މުބާރާތަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތަކަށް ވުމުން، މުބާރާތް ކުރިއަށް ދާއިރު މުބާރާތުގެ ފޯރި ގަދަވެ މާބޮޑަށް ހޫނުވެގެން ދާއިރުވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިއުމަށް މުބަރާތުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. މިފަދަ ސިޔާސީ ހިޔާލުތަފާތުވުން ބޮޑު ވާދާވެރި ދަނޑިވަޅެއްގައި ވެސް މާލޭގެ ހުރިހާ ޒުވާނުން އެކުވެރިކަމާއެކު އަލްހާންގެ ކެމްޕެއިންގެ ހަރާތުގެތެރޭގައި ބައިވެރިވާ މަންޒަރު ދައްކަން ބެނުންވާ ކަމަށް އަލްހާން ވިދާޅުވިއެވެ.
ހުރީހާ ޓީމުތަކެއްވެސް މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ ލަގަބު ހޯދުމަށް މަސައްކަތް ކުރުމަށް އަލްހާން ވަނީ ގޮވާލައްވައިފައެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް މުބާރާތުގެ ފެއާ ޕްލޭޔާގެ މަގާމު ހޯދުމަށް މަސައްކަތް ކުރުމަށް އަލްހާން އެދިވަޑައިގެންނެވި އެވެ.
މާދަމާއިން ފެށިގެން މާޗް ހަތަކާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހެންވޭރު ޓާފް ދަނޑުގަ އެވެ. މި މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފެއާ ޕްލޭ ޓީމްގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އަދި ފެއާ ޕްލޭ ކުޅުންތެރިން ވެސް ހޮވުމަށ ވަނީ ހަމަޖައްސައިފަ އެވެ.