އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ހޮޓްލައިނެއް ގާއިމްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އެމްޑަބްލިޔުއެސްސީގެ ހިދުމަތް 24 ގަޑިއިރު ހޯދުމުގައި އާންމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އެކުންފުނިން ހޮޓްލައިނެއް ގާއިމްކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން 105އަށް ގުޅުމުން ކޮންމެ ވަގުތެއްގައި ވެސް ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅާތާ 30 މިނެޓް ތެރޭގައި މުވައްޒަފުން އެގެއަކަށް ދާނެ ކަމަށެވެ. އަދި ފޯނަށް އެޕް އެޅުމުން ފެނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ އިތުރުން އެޕް މެދުވެރިކޮށް ފެންބިލު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 105އަށް ގުޅުމަށްފަހު ދިމާވާ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޝަކުވާއެއް ހުށަހަޅަންޖެހޭނީ އެއްފަހަރު ކަމަށެވެ. އަދި އެޝަކުވާއެއް ހުށަހެޅުމުން ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އޭޕްރީލު އެކަކުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އާޒިމު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނިން ދެމުން އަންނަ ހިދުމަތަށް އެދި ތިން އަހަރު ވަންދެން ޝަކުވާ ކޮށްގެންވެސް ހިދުމަތް ނުލިބި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު އެއް ފަހަރު ޝަކުވާ ހުށަހެޅުމުން އެހިދުމަތެއް ލިބެންދެން އެމީހެއްގެ އަތުގައި ހިފައިގެން ތިބޭނެ ކަމަށެވެ.