އިމާދު ލަތީފު
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހުސްވި މެއިމަހުގެ ވިހިން ސައުވީހަށް އިރުމަތީ އޭޝިޔާގެ ދެގައުމަކަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދެގައުމަކީ ޖަޕާނާއި ދެކުނު ކޮރެޔާއެވެ. މިއީ އިރުމަތީ އޭޝިޔާގައިވާ އެމެރިކާގެ އެންމެ މުހިންމު ބައިވެރިންނެވެ. މިތުރުންނެވެ. މިއީ ހުސްވި 2021 ވަނަ އަހަރުގެ ޖެނުއަރީ ވިހި ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ބައިޑެން އޭޝިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު މިއައީ ވެރިކަމަށް އެއް އަހަރާއި ހަތަރުމަސްވީ ފަހުންނެވެ. ފަހަކަށް އައިސް އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވޭ ކޮންމެ ރައީސަކުވެސް އަހަރެއްވުމުގެ ކުރިން ޖަޕާނާއި ދެކުނު ކޮރެޔާއަށް ވަޑައިގަންނަވައެވެ. ބައިޑެންގެ ދަތުރުފުޅު މިއައީ ޖަޕާނާއި ދެކުނު ކޮރެޔާގެ މުހިއްމުކަން އެމެރިކާއަށް ކުޑަވީތޯ ސުވާލު އުފެދިފައިވަނިކޮށެވެ.
ރައީސްކަމަށް ވަޑައިގެންނެވި ފަހުން ބައިޑެންވަނީ ޔޫރަޕަށް ތިން ފަހަރު ވަޑައިގެންފައެވެ. އެހެންވީމާ ގަބޫލުކުރެވިފައި އޮތީ ބައިޑެންގެ ސަރުކާރުގެ މުޅި ފޯކަސް މިވަގުތު އަމާޒުވެފައިވަނީ ޔޫރަޕަށް ކަމުގައެވެ. ރަޝިޔާ ބަލިކުރެވޭނެހައި ގޮތްގޮތަށް ކަންކަން ރޭވުމުގައި ބައިޑެން މާބޮޑަށްވެސް އަވަދިނެތި އުޅުއްވަނީ ކަމުގައެވެ. ކޮންމެއަކަސް ޖަޕާނާއި ދެކުނު ކޮރެޔާ ފަދަ މިތުރުންގެ މަތިން ހަނދުމަނެތި ނުކުރައްވާކަން ހާމަކުރެއްވުމަށް ދުވަސްވަރަކަށްނުވާ ދުވަސްވަރެއްގައި އަދި ވަގުތަކަށްވެސް ނުވާ ވަގުތެެއްގައި ޖަޕާނާއި ދެކުނު ކޮރެޔާއަށް ރައީސް ބައިޑެން ޒިޔާރަތެއް ކުރެއްވީއެވެ. ބައިޑެން އޭޝިޔާއިން ފުރާވަޑައިގެންނެވީ ހަނގުރާމައިގެ އައު އަލިފާންގަނޑެއް ގާތްގަޑަކަށް ރޯކުރައްވައިފައެވެ. ދެވަނަ ޔުކްރޭނެއް އޭޝިޔާގައި ހުޅުވަން މަސައްކަތް ކުރައްވައިފައެވެ.
ރައީސް ބައިޑެން އޭޝިއާއަށް ކުރެއްވި ދަތުރުފުޅަކީ ހެޔޮއެދުމާއި ރަހުމަތްތެރިކަން ފާޅުކުރުމަށްވުރެ ބޮޑަށް ރުޅިވެރިކަމާއި ހަސަދަވެރިކަން އިތުރުކޮށް އޭޝިޔާގައި ބަނަކަމާއި ނާމާންކަން ފެތުރުމަށް ކުރެެއްވި ދަތުރުފުޅެއްކަމަށް ބެލެވެއެވެ. މި ދަތުރުފުޅާއި މިދަތުރުފުޅުގައި ދެކެވުނިއްޔާ ދެކެވުނު އެންމެހައި ވާހަކަތަކުގެ އަމާޒަކީ ޗައިނާއެވެ. ބައިޑެންގެ ދަތުރުފުޅުގައި ހަމަފާޅުގައި ސާފުބަހުން ވިދާޅުވިއެވެ. ޗައިނާއާހެދި ދެން ފޮރުއްޕާކަށް ނެތެވެ. ޗައިނާއިން ޓައިވާނަށް އަރަން ދިމާކޮށްފިނަމަ ދަންނާށެވެ. އެމެރިކާއިން ސީދާގޮތެއްގައި ޗައިނާއާ ހަނގުރާމަވެސް ކުރާނެއެވެ. އެކަމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ބައިޑެން މިވިދާޅުވީ ވަރަށް ބޮޑު އަދި އެހާމެ ނުރައްކާތެރި ވާހަކަފުޅެކެވެ. އެމެރިކާގެ ރައީސަކު މިހާތަނަށް މިފެންވަރަށް ވިދާޅުނުވާ ވާހަކަފުޅެކެވެ.
ބައިޑެންގެ ދަތުރުފުޅު ނިންމާލައްވާފައި އެމެރިކާއަށް އެނބުރި ވަޑައިގެން ދެންވެސް ބެއްލެވީ މަސްރަހު އިތުރަށް ހޫނުކުރެވޭނެ ގޮތެކެވެ. ޓައިވާނަށް ފޮނުއްވީ ބޮޑު ވަފުދެކެވެ. އަސްކަރީ އޮފިޝަލުންނާއި ސިޔާސީ އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެކެވެ. މަގްސަދަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ޗައިނާ ރުޅިއަރުވައި ޖެއްސުން ކުރުމެވެ. އޭޝިޔާގެ ގައުމުތަކަށް ރައްކާތެރިކަމާއި ސަލާމަތް އޮތީ އެމެރިކާއަށް ބަރޯސާކޮށްގެން އެމެރިކާޔާއި ގާތްވި މިންވަރަކުން ކަން އޭޝިޔާގެ ގައުމުތަކަށް ވިސްނައިދިނުމެވެ. މިހިސާބަށް ކަންކަން ދިޔައީމާ ދެން ޗައިނާވެސް ހިމޭނަކުން މަޑަކުން ނޯންނާނޭތާއެވެ. ޗައިނާގެ ލަޝްކަރުތަކުން ވަނީ ޓައިވާނުގެ ވަށައިގެން ހަނގުރާމައިގެ ފަރިތަކުރުންތަކެއް ބާއްވައިފައެވެ. އެއްގަމާއި ވަޔާއި ކަނޑުގެ ބާރުތައްވެސް ހިމެނޭގޮތުންނެވެ.
އެމެރިކާގެ ވަފުދުގެ މެންބަރުން ޓައިވާނުގައި ތިއްބަވަނިކޮށް ޗައިނާގެ ހަނގުރާމަމަތީ ޖެޓުތައް ވަނީ ޓައިވާނުގެ އެއަރ އައިޑެންޓިފިކޭޝަން ޒޯނަށްވަދެ ވޫސްވޫސްލައިފައި ބޯމަތިން އުދުހިފައެވެ. ދެންމެ ދެންމެ ހަމަލަ މިދެނީޔޭ ހީވާ ބީދަޔަކުންނެވެ. ޗައިނާގެ މަގްސަދުވެސް ވަރަށް ސާފެވެ. އެމެރިކާ ބޭނުންވާހައި ގޮތަކަށް ކަންކަން ނުވާނޭކަމާއި ޗައިނާ ނުސިހޭނޭކަމާއި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނޭކަން ދެއްކުމެވެ. ތެދެކެވެ. ވަރަށް ބޮޑު ތެދެކެވެ. ޓައިވާނަށް އަރަންޖެހިއްޖެ ހާލަތެއްގައި މަޑުވެސް ޖެހުމަކާނުލައި ޗައިނާއިން އެކަން ކުރާނެއެވެ. ޗައިނާ ހުއްޓުވުމަކީ ޓައިވާނަށްވެސް އަދި ކިޔެއްތަ އެމެރިކާއަށްވެސް ނުކުރެވޭނޭ ކަމެކެވެ. ޓައިވާނަށް އަރައިގަންނާނެ އޮތީ އެންމެ ހާލަތެކެވެ. އެއީ ޓައިވާނުގެ މިނިވަންކަން އިއުލާންކުރުމެވެ. ރަތް ރޮނގު ހުރަސްކުރުމެވެ.
ޗައިނާއިން އަބަދުވެސް ބުނާ ވާހަކައެކެވެ. ރަތް ރޮނގަކީ ޓައިވާނުގެ މިނިވަންކަން އިއުލާންކުރުމެވެ. އެކަން ކޮށްފިނަމަ ޓައިވާނަށް އަރާނެއެވެ. އެމެރިކާއަކަށްވެސް އެކަން ނުހުއްޓުވޭނެއެވެ. ޓައިވާނަކީ ޔުކްރޭނެއްވެސް ނޫނެވެ. އެއީ މެދު ސައިޒުގެ ޖަޒީރާއެކެވެ. ސްރީލަންކާވެސް ޓައިވާނަށްވުރެ ދެގުނަ ބޮޑެވެ. އެހެންވީމާ ޓައިވާން ހިފަންހިފަން މާދިގު ހަނގުރާމައެއް ކުރާކަށްވެސް ޗައިނާއަކަށް ނުޖެހޭނެއެވެ. އެހިސާބަށް ހިނގައްޖެނަމަ ޓައިވާނުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަނުން ގާތެއް ނޫނެވެ. ސަބަބު ވަރަށް ސާފެވެ. ޓައިވާނަށްޓަކައި ތިންވަނަ ބޮޑު ހަނގުރާމަ ފެށުމަކީ އެމެރިކާގެ މަސްލަހަތަކަށް ނުވާނެތީއެވެ. އަދާކުރަންޖެހޭ އަގު ބޮޑުވާނެތީއެވެ. ބޮލާފޮށާއެޅި ބަލިވުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރެވޭތީއެވެ.