ޕާކިސްތާނުގައި އިންޑިއާގެ ފިލްމުތަކާއި އިސްތިހާރު ދެއްކުން މަނާކުރިކަން އެގައުމުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ފަވާދު ޗޯދްރީ އިއުލާންކޮށްފިއެވެ.
ފަވާދު އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސިނަމާ އެކްޒިބިޓަސް އެސޯސިއޭޝަނުން ވަނީ އިންޑިއާގެ ކޮންޓެންޓާއި ފިލްމުތައް ޕާކިސްތާނުގައި ނެރުން މަނާކޮށްފައެވެ. އަދި "މޭޑް އިން އިންޑިއާ" އިސްތިހާރު ދެއްކުންވެސް މަނާކަމަށް ވަނީ ބުނެފައެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުމަކީ ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ގޯސްވާ ގުޅުމެކެވެ. މިމަހު އިންޑިއާގެ ކަޝްމީރަށް ދިން ޓެރަރިސްޓް ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ޖަމާއަތަކުން ކަމަށް ވާތީ މިދުވަސްވަރު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ބޮލީވުޑްގެ ގިނަ ތަރިންތައްވެސް ދަނީ ބޮލީވުޑްގައި މަސައްކަތް ކުރާ ޕާކިސްތާނު ތަރިންނަށް ފިލްމުތަކުންވެސް ޖާގަ ނުދިނުމަށް ގޮވަމުންނެވެ.