ދުނިޔެ

ޕާކިސްތާނުގެ ރޭލެއް ހައިޖެކްކޮށް 10 މީހުން މަރާލައިފި

މުހައްމަދު އައުޒަމް

ޕާކިސްތާނުގެ ރޭލެއް ހައިޖެކްކޮށް 10 މީހުން މަރާލައިފިއެވެ.

ޕާކިސްތާނުގެ ވަކިވެގަނެފައިވާ ހަނގުރާމަމަތީ ގުރޫޕަކުން ހައިޖެކްކޮށްފައިވަނީ އެ ގައުމުގެ ހުޅަނގު ދެކުނު ބޮލަޗިސްތާން ޕްރޮވިންސުގައި ފަސެންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ހިނގި އެ ހާދިސާގައި، އެތައް ސަތޭކަ ބަޔަކު ދަތުރުކުރަމުން ދިޔަ އެ ރޭލު ހައިޖެކްކޮށް އެއިން ދަތުރުކުރި 10 މީހުން މަރާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މަރާލި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އެ ރޭލުގެ ސެކިއުރިޓީ މީހުން ކަމަށާއި ރޭލު ދުއްވި ޑްރައިވަރުވެސް މަރާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބޮލަޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދު ވަނީ އެ ރޭލުގައި ކުއްލިޔަކަށް ބަޑިން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާކަމަށާއި ހަމަ އެވަގުތު ސަލާމަތީ ބާރުތަކުން ރޭލު ވަށާލި ކަމަށް ބުނެފައެވެ. ނަމަވެސް ހަނގުރާމަވެރީން ރޭލުގައި ތިބި އަންހެނުންނާއި ކުޑަކުދީން ކުރިމައްޗަށް ނެރެ ބިރު ދައްކަން ފެށިކަމަށް ފާހަގަކޮށްފައިވެއެވެ.

ރޭލު ހައިޖެކްކުރި ހަމަލާގެ ޒިންމާ އެ ގައުމުގެ ދަ ބަލޫޗް ލިބަރޭޝަން އާމީން ނަގާފައިވާއިރު އެމީހުން ރޭލު ދޫކޮށް ދިޔައީ ބައެއް މީހުން ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްގެން ކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި ސަލާމަތީ ބާރުތަކުން އިތުރަށް ހަމަލާ ދޭނަމަ ރަހީނުން މަރާލާނެ ކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ.

ބޮލަޗިސްތާންގެ ޗީފް މިނިސްޓަރު ޝަފްރާޒް ބުގްޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަނގުރާމަވެރީން ރަހީނު ކުރި މީހުން ސަލާމަތްކުރުމަށް ސަލާމަތީބާރުތަކުން އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.