ދުނިޔެ

ރޭލު ހައިޖެކްކުރުމުގެ މާސްޓާމައިންޑަކީ އިންޑިއާ: ޕާކިސްތާނު

މުހައްމަދު އައުޒަމް

ޕާކިސްތާނުގެ ހުޅަނގު ދެކުނު ބޮލަޗިސްތާން ޕްރޮވިންސުގައި ފަސެންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލެއް ހައިޖެކްކޮށް ރަހީނުކުރުމުގެ މާސްޓާމައިންޑަކީ އިންޑިއާ ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑީއާ ޑިރެކްޓަރު ލެފްޓިނެންޓު ޖެނެރަލް އަހުމަދު ޝާރިފް ޗައުދަރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ރޭލު ހައިޖެކްކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަމުގައި މެއިން ސްޕޮންސަރަކީ އިންޑިއާ ކަމަށެވެ.

އެގޮތުން ރޭލު ހައިޖެކް ކުރި ޕާކިސްތާނުގެ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ ބަލޯޗް ލިބަރޭޝަން އާމީން އާންމުކޮށްފައިވާ ވީޑިއޯތައް އިންޑީއާގެ ނޫސްތަކުންނާއި ޓީވީތަކުން ދެއްކި އިރު، އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތައްވެސް އިންޑިއާގެ ޗެނަލްތަކުން ދައްކާފައިވާ ކަމަށް ޗައުދަރީ ވިދާޅުވިއެވެ.

ބަލޯޗް ލިބަރޭޝަން އާމީން ރޭލު ހައިޖެކްކޮށް އޭގެން ދަތުރުކުރި 26 ފަސިންޖަރަކު މަރާލި އިރު، ފަސިންޖަރުން ސަލާމަތްކުރަން ޕާކިސްތާނުގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަންގައި 354 މީހަކު ސަލާމަތްކުރި އެވެ. އަދި ބަލޯޗް ލިބަރޭޝަން އާމީއަށް ނިސްބަތްވާ 33 މީހުން މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެއެވެ