އިމިގްރޭޝަން

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސް ދޯނީގައި ތިބި ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ގަވައިދާ ހިލާފަށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސްދޯނީގައި ތިބި އަށް ބިދޭސީއަކު ފުރުވާލުމަށް އެމްއެންޑީއެފުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު މައުލޫމާތުދިން ގޮތުގައި ގަވައިދާ ހިލާފަށް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސްދޯނީގައި ތިބި އަށް ބިދޭސީންނަކީ ވެސް ބަންގުލަދޭޝްގެ ރައްޔިތުން ކަމަށެވެ.

''ވީވަރު'' ކިޔާ އެދޯނީގައި ބިދޭސީން ތިބުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ޓީމެއް ދޯންޏަށް ގޮސް ދޯނީގައި ތިބި ބިދޭސީންގެ ޝަޚުސު ޔަގީންކުރުމުގެ މަސައްކަތް ކުރިއިރު އޭގެ ތެރެއިން ދެ ބިދޭސީންނަކީ ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭކަމުގެ ރިޕޯޓްކޮށްފައިވާ ދެމީހުން ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އޭގެ ތެރެއިން ހަ ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖެ އައިސް، މަސައްކަތްކުރަމުންދާ މީހުންކަން އެނގުނު ކަމަށާއި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ފަހަކަށް އައިސް ގަވައިދާ ހިލާފަށް ރާއްޖެއައިސް އުޅޭ ބިދޭސީން މަސްދޯނި ފަހަރުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފު އަމަލެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.