އެމްއެންޑީއެފް

ގެއްލުނު އަންހެންމީހާ ހޯދުން: ކަނޑުގެ 5 މޭލު މިއަދު ބެލިއްޖެ، މީހެއްގެ ހަބަރެއްނުވޭ

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ހުކުރު ދުވަހު ލ. ފޮނަދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރުކުރަނިކޮށް، ޑިންގީ އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ކަމަށްބުނާ ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުން ފަސް މޭލުގެ ސަރަހައްދެއް މިއަދުވެސް ބަލާފައިވާކަމަށާއި މީހެއްގެ އެއްވެސް ހަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީ ބަންޑުންޖަހާލުމުގެ ސަބަބުން ގެއްލުނު އަންހެން މީހާ ހޯދުމަށް އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާ އިން ހިންގާ ހާއްސަ އޮޕަރޭޝަނުގެ ދަށުން ސިކްސްސެންސެސް ރިސޯޓު ކައިރިން ކަނޑުގެ ސަރަހައްދު، ވައިގެ މަގުން އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި ފަސް މޭލުގެ ބޮޑު ސަރަހައްދެއް މިއަދު ބަލާފައިވާކަމަށެވެ.

އަދި އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާގެ ސިފައިންނާއި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން ކޯސްޓްގާޑުގެ ޝަހީދު އަލީ ޝިޕް ވެސް ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންދާކަމަށް ކޯސްޓްގާޑުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުގައި ޑިންގީވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މިމަހުގެ ބާވީސް ވަނަ ދުވަހުގެރޭ ޑިންގީއެއް ބަންޑުންޖަހާލުމުގެ ސަބަބުން ގެއްލިގެން ހޯދަމުން އަންނަ 19 އަހަރުގެ ޝިމާ ނާފިޒު ހޯދުމަށް ސިފައިންނާއި ކޯސްޓްގާޑުގެ ޑައިވަރުންނާއި ފުލުހުންނާއި މާމެންދޫގެ ރައްޔިތުންގެ އިތުރުން ސިކްސްސެންސެސް ރިސޯޓުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ޑައިވިން ރޮބެޓް ބޭނުންކޮށްގެން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާއިރު ހެލިކޮޕްޓަރު ބޭނުންކޮށްގެންވެސް ބޮޑު ސަރަަހައްދެއް މިހާތަނަށް ބަލާފައިވާކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.

އަދި މާމެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުޅިމެންދޫ އާއި ގާދޫވެސް ބަލާފައިވާއިރު ފިނޮޅެއްވެސް ބަލައިފައިވާކަމަށް މާމެންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އޭނާއާ އެކު ދަތުރުކުރި ފަޒީލުގެ ވާހަކަތައް ޝިމާގެ އާއިލާއަށް ގަބޫލުކުރަން ދަތި ކަމަށް ބުނެފައިވާއިރު އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.