އެންޓި ކޮރަޕްޝަން ކޮމިޝަން

ކެމްޕެއިންކުރާ ފަރާތްތަކުން ގާނޫނާ ޚިލާފަށް ފައިސާ ބޭނުންކުރުމަކީ ގާނޫނީ ކުށެއް، ފިޔަވަޅު އަޅާނަން: އޭސީސީ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުންނާއި ކެމްޕެއިން ކުރާ ފަރާތްތަކުން، ގާނޫނާ ހިލާފަށް ފައިސާ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ޚަރަދު ކުރެވޭނީ އެދާއިރާއެއްގެ ވޯޓުލެވޭ އުމުރުގެ ކޮންމެ މީހަކަށް ދެ ހާސް ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ އަދަދު ބަޔާންކޮށްފައި ވީނަމަވެސް، އެފައިސާއަކީ ގާނޫނު ހުއްދަކުރާ ގޮތަށް ބޭނުންކުރެވޭ ފައިސާ ކަމަށެވެ.

އަދި އެފައިސާ ބޭނުންކުރަންވާނީ ކުރިމަތިލާ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ކަމަށާއި ވޯޓް ގަތުމަށާއި ރިޝްވަތު ދިނުންފަދަ ކަންކަމަށް އެފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ ވަކި ފަރާތަކަށް ތާއީދު ހޯދުމަށް ހަދިޔާއެއްގެ ގޮތުގައި ވިޔަސް އަދި އެނޫން ގޮތަކުން ދިން ނަމަވެސް އެއީ ރިޝްވަތު ދިނުން ކަމަށް ބެލެވޭނެ ކަމަށެވެ.

އަދި އިންތިހާބަށް އިއުލާންކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށް މީހަކަށް ނުވަތަ ޖަމާއަތަކަށްވެސް އެއްޗެއް ދިނުން ނުވަތަ ދޭން އުޅުމާއި ކަމެއް ކޮށްދޭން ބުނުމަކީވެސް ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށެވެ.

އަދި ކެމްޕެއިން ކުރާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތުގެ މުދަލާއި ތަކެތި ބޭނުން ކުރުމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއް އެހެން ގޮތަކަށް ބަދަލުކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށް ބަޔާނުގައިވެއެވެ.