ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުން ވޯޓް ދޭންވާނީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވޭ މެންބަރުން ހޮވުމަށް ކަމަށް، ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް ސަރުކާރު ކޯލިޝަންގެ ބައެއް މެންބަރުން ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންނެވި މައްސަލައާ ގުޅިގެނެވެ.
ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި ބިލުތައް އަވަހަށް ފާސްކުރަންޖެހޭ ކަމަށެވެ.
ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް ހުށަހެޅި ބިލަށް، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް ނޭހުނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހާޒިރުވެވަޑައިނުގަތުމުންނެވެ.
ރައްޔިތުންނާ ގުޅުންހުރި ކަންކަމުގެ ބިލަށް ވޯޓަށް އަހާނަމަ މަދުވެގެން މަޖިލީހުގެ ތަޅުމުގައި 43 މެންބަރުން ތިއްބަވަންޖެހެއެވެ.
ނަމަވެސް މިއަދު ވޯޓަށް އެހިއިރު ތަޅުމުގައި ތިއްބެވީ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 42 މެންބަރުންނެވެ.
އެހެންކަމުން މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަށް ނާހައެވެ.