އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ޕާޓީގެ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ބުނެ މިއަދު ސުޕްރީމް ކޯޓުން އަމުރު ކުރި އިރު މަޖިލީހަށް ކުރިމަތިލުމުގެ ފޯމް މާޗް ހަތަރަކާ ހަމައަށް ބަލައިގަންނަން ޖެހޭނެ ކަމަށް އަމުރު ކުރުމާ ގުޅިގެންނެވެ. މިގޮތުން ނަޝީދު ވަނީ ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓު ތަކުން އިންތިހާބަށް ނުފޫޒު ފޯރުވާތީ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބަކަށް ކުރިމަތިލުން ފަދަ ޑިމޮކްރަސީއަށް ނުފޫޒު ފޯރާފަދަ ކަންކަމަށް ހުކުމްކުރުމަކީ ކޯޓުތަކުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި ކޯޓުތަކުގެ ޑިމޮކްރަސީއަށް ނުފޫޒު ފޯރުކުރުވުމުގެ އަމަލުތަކުގެ ސަބަބުން ރާއްޖެއަށް މީގެ ކުރިންވެސް ފޫނުބެދޭ ފަދަ ގެއްލުންތަކާ ކުރިމަތިވެފައިވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަން އިތުރު ފުރުސަތު ދިން ނަމަވެސް، އިންތިހާބު ބާއްވަން ހަމަޖައްސައިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.