ދުނިޔެ

ބަންގްލަދޭޝްގެ ފްލައިޓް ހައިޖެކް ކުރި މީހާގެ ގަޔަށް ބަޑިޖަހައި މަރާލައިފި

މުހައްމަދު އައުޒަމް

ބަންގްލަދޭޝްގެ ފްލައިޓް ހައިޖެކް ކުރި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ދުބާއީއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރަމުންދިޔަ ބީމަން ބަންގްލަދޭޝް އެއާލައިންސް ދަތުރު ފެށިތާ 25 މިނެޓް ފަހުން ކުޅޭކުޅޭ ބަޑިއެއް ބޭނުންކޮށްގެން އެމީހާ ވަނީ ދެ ކެބިން ކްރޫއަށް ބިރުދެއްކުމަށްފަހު ފްލައިޓު ހައިޖެކް ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ވާހަކަދައްކަން ބޭނުންވާކަމަށް ބުނެ ބިރުދައްކައިފައެވެ.

ފްލައިޓް ހައިޖެކްކުރި މީހާ މަސައްކަތް ކޮށްފައިވަނީ ފްލައިޓް ތެރޭ ހާސްކަން އުފައްދައި ކޮކްޕިޓަށް ވަނުމަށެވެ.

ދުބާއީއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރި މިފްލައިޓް ސްޓޮޕް އޯވާ އަކަށް ބަންގްލަދޭޝްގެ ޗިޓަގޮންގއަށް ޖެއްސުމާއެކު ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ވަނީ ފްލައިޓް ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

ފްލައިޓް ހައިޖެކް ކުރަން މަސައްކަތް ކުރި ބަންގްލަދޭޝްގެ މީހާ އަމާން ދިނުމަށް ދެކޮޅު ހެދުމުން ސަލާމަތީ ބާރުތަކުން ވަނީ އޭނާގެ ގަޔަށް ބަޑި ޖަހައިފައެވެ. އެމީހާ މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން އެފްލައިޓުން ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކުރި އެންމެ އަށް މިނެޓު ތެރޭގައެވެ.

ފްލައިޓުން ދަތުރުކުރި 143 ފަސިންޖަރުންނާއި 13 ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ސަލާމަތް ކޮށްފައެވެ.

ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން މިމައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އަދި މިހާތަނަށް އެމީހާ ފްލައިޓު ހައިޖެކް ކުރަން އުޅުނު ސަބަބު ހޯދިފައެއް ނުވެއެވެ.