އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު، ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި މި ބިލުގެ ބަހުސްގައި، ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ހިމާޔަތުގެ އިތުރުން، އިނާޔަތެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެ އިނާޔަތްތައް ވާން ޖެހޭނީ ރާއްޖޭގެ އިގުތިސާދަށް އުފުލޭވަރުގެ އިނާޔަތްތަކަކަށް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއަކަށް ބިލު ފޮނުވަން ހުށަހަޅައި މެންބަރުން ތާއީދު ކުރެއްވި އެވެ.
އެހެންކަމުން ބިލަށް ވޯޓަށް އެހުމުގެ ވަގުތުގައި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވަން، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެން ފާސް ކުރި އެވެ.
މިއަދުގެ ޖަލްސާއިން ފާސްކުރި އެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، ވިލުފުށީ ދާިއރާގެ މެންބަރު ރިޔާޒު ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ އާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިންމަނިކު ދޮންމަނިކު އާއި މަދަރޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުއެވެ.