ޝަހީދާ އަބްދުﷲ ސައީދު
މިމަހުގެ ބާވީސް ވަނަ ދުވަހުގެރޭ ޑިންގީއެއް ބަންޑުންޖަހައިލުމުގެ ސަބަބުން ގެއްލިގެން ހޯދަމުން އަންނަ 19 އަހަރުގެ ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތް، ކޯސްޓްގާޑުގެ ޑައިވަރުންނާއި ރޮބަޓް ބޭނުންކޮށްގެން މިއަދުވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ޝިމާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއާއި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން އެމްއެންޑީއެފުގެ ސެންޓަރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
ޝިމާ ގެއްލުނީ ލ. ފޮނަދޫން ފުރައިގެން ލ. މާމެންދޫއަށް ދަނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުންކަމަށް ޑިންގީގައި ދަތުރުކުރި ލ. ގަމު މަތިމަރަދޫ އިބްރާހީމް ފަޒީލު ބުނެފައިވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި ޑިންގީ ބަންޑުންޖަހާލުމުން ޑިންގީގެ މަތީގައި ޝިމާ ބޭންދުމަށްފަހު އަތަށް ފޯނަކާއި ޕެޓްރޯލު ހަމެއް ދީފައި އޭނާ ފަތާފައި ދިޔައީ ކައިރީގައި އޮތް ސިކްސް ސެންސް ރިސޯޓަށެވެ.
''ވަންއޮންލައިން' އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ހަބީބު މިއަދު ވިދާޅުވީ ޝިމާ އަތަށް ދިން ކަމަށް ބުނާ ފޯނުގެ ރޭންޖް އެންމެ ފަހުން ލިބިފައިވަނީ ވެލިގަނޑު ކައިރިން ކަމަށެވެ. ހަބީބު ވިދާޅުވީ މާމެންދޫ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ބައިވެރިވެގެން އިއްޔެ ގާދޫ އާއި ހުޅިމެންދޫ ވެސް ހޯދައިފައިވާ ކަމަށެވެ.
އަދި މިއަދު މެންދުރުފަހު މާމެންދޫގެ ޓީމަކުން ފީނަން ދިއުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި މިހާތަނަށް ހޯދި ހޯދުމުގައި ޝިމާގެ އެއްވެސް ހަބަރެއް އަދި އެކަހަލަ ނިޝާނެއް ވެސް ފެނިފައި ނުވާކަމަށް ހަބީބު ވިދާޅުވިއެވެ.
ޝިމާ ގެއްލުނު މައްސަލައިގައި އޭނާއާ އެކު ދަތުރުކުރި ފަޒީލުގެ ވާހަކަތައް ޝިމާގެ އާއިލާއަށް ގަބޫލުކުރަން ދަތި ކަމަށް ބުނެފައިވާއިރު އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.