ޚާއްޞަކޮށް ވަންއޮންލައިންގެ ކިޔުންތެރީންނަށް ޢާންމުކޮށް މުޅި އިސްލާމީ އުންމަތަށް ފިޠުރުޢީދުގެ ތަހުނިޔާ ދަންނަވަމެވެ. ޢީދަކީ އިންސާނުންގެ ޖަޒުބާތާ ގުޅިފައިވާ ކަމެކެވެ. ޚާއްޞަކޮށް އިންސާނުންގެ އުފާވެރިކަމުގެ ޖަޒުބާތާ ގުޅިފައިވާ ކަމެކެވެ. އެ ޖަޒުބާތު ފުންވެފައި އޭގައި މާނަވިއްޔަތު އިތުރުވި ވަރަކަށް ޢީދުގެ މުހިންމުކަން ބޮޑުވެއެވެ. އަގު އަރައެވެ. ޝައްކެއްނެތެވެ. މުޖްތަމަޢަކަށް ދިރިދެމިއޮވެވޭނީ ހިތްފަހިކަމާއި އުފާފާގަތިކަންވެސް ލިބިގެންނެވެ. އެހެންކަމުން ޢީދާއި އިޖްތިމާޢީ ދިރިއުޅުމަކީ އެއްކަމެއް އަނެއްކަމަކާ ގުޅިލައިމެހިފައިވާ ދެކަންތަކެވެ.
އުފަލާއި ހިތްހަމަޖެހުމަކީ ބައެއްފަހަރު ވަކިފަރުދަކަށްވެސް ލިބިގަނެވިދާނެ ކަމެކެވެ. އެކަމާ އެހެންމީހުނާ ގުޅުމެއްނެތިވެސް ހިނގައިދާނެއެވެ. ނަމަވެސް ބައެއްކަހަލަ އުފާތަކާއި އުފާކުރުންތަކަކީ އެކަމުގައި އެތައްބަޔެއްގެ ބައިވެރިވުން އޮންނަ ކަމެކެވެ. އެތައްބަޔެއްގެ އުފާތަކާއި ހިތްފަހިކަމާ ގުޅިފައިއޮންނަ ކަމެކެވެ. ޢީދުތަކާ ގުޅިފައިވަނީ ދެވަނަޔަށް މިދެންނެވިކަހަލަ އުފާތަކާއެވެ. އުފާފާޅުކުރުމާއި ހިތްފަހިކަމާއެވެ. ޢީދުތައް ވުޖޫދަށްއައީ ދެވަނަޔަށްވި މިދެންނެވިފަދަ އުފާތަކާއި ޖަޒުބާތުތަކަށް ދާއިމީ ސިފަގެނައުމަށްޓަކައެވެ. ބަދަހިކަމާއެކު ދެމެހެއްޓުމަށްޓަކައެވެ. އެހެންކަމުން ޢީދަކީ ގުޅިފައިވާ ޖަޒުބާތުތަކާއި ގުޅިފައިވާ އުފަލާއި ހިތްފަހިކަން ފާޅުކުރެވޭ މުނާސަބާއެކެވެ. އެއީ އެންމެން ގުޅިގެން ކުރާ އުފާކުރުމެކެވެ. އުފާފާޅުކުރުމެކެވެ. އިންސާނުންގެ ތެރޭގައި އިޖްތިމާޢީ ރޫޙު އުފައްދަނީ މިބާވަތުގެ ޙަރަކާތްތަކެވެ. ޢީދަކީ ތަކުރާރުކޮށް އެރޫޙު ދިރުވައި އާލާކޮށް ތާޒާކޮށްދޭ މުނާސަބާތަކެކެވެ.
ޢީދެއްގެ ރޫޙުކަމުގައި ހިމެނޭ ޖަޒުބާތުތަކާއި އިޙްސާސުތައް ބައެއްފަހަރަށް ގުޅިފައިވަނީ ޚާއްޞަ ޝަޚްޞިއްޔަތަކާއެވެ. ނުވަތަ ވަކި ޤައުމަކާއެވެ. ނުވަތަ ވަކި މޫސުމަކާއެވެ. ނުވަތަ ޚާއްޞަ ތާރީޚީ ވާޤިޢާއަކާއެވެ. ނުވަތަ ޢީދުތަކުގެ ފަހަތުގައިވާ ޙަރަކާތްތެރިކުރުވާ ބާރަކީ ކޮންމެވެސް އާދަކާދައެކެވެ. ނުވަތަ ވަހުމަށް އަޅުކަންކުރުމެއް ކަމުގައިވެސް ވެފައި އެބަހުއްޓެވެ.
އިސްލާމްދީނަކީ އާފާޤީ ދީނެކެވެ. ޚާއްޞަގޮތެއްގައި މުޅިދުނިޔެ އެދީނުގެ ދާއިރާގައި ހިމަނާ ދީނެކެވެ. އެހެންކަމުން އެދީނުގެ އެހެނިހެން ކަންކަމެކޭ އެއްފަދައިން އެދީނުގެ ޢީދުތަކުގައިވެސްވަނީ ބައިނަލްއަޤްވާމީ ވަންތަކަމެވެ. ޢީދުގެ އުފަލުގައި މުޅި އިންސާނިއްޔަތު ބައިވެރިކުރުމެވެ. އިސްލާމްދީނަކީ ހަނި ދާއިރާއެއްގެ ފިކުރިއްޔާތެއް ނޫނެވެ. ޚާއްޞަ މަޢުބަދެއްގެ ނުވަތަ ފިރުޤާއެއްގެ ތަޢައްޞުބުގެ ސަބަބެއްކަމުގައި ހިމެނޭފަދަ ހަނި ނަޒަރިއްޔާއެއް ނޫނެވެ. އިސްލާމްދީން އަހަންމިއްޔަތުދެނީ މުޅި އިންސާނިއްޔަތު އެއްވަރަކަށް އަހަންމިއްޔަތުދޭ ޒާތުގެ ކަންކަމަށެވެ. އެފަދަ އާދަކާދަތަކާއި ޖަޒުބާތުތަކަށެވެ.
އާދޭހެވެ! ފިޠުރުޢީދަކީ އިސްލާމްދީނުގެ މުހިންމު ޢީދެކެވެ. މި ޢީދު ފާހަގަކުރަނީ މުސްލިމުން ތަރުބަވީ އަދި ރޫޙާނީ ވަރުގަދަ ޕްރޮގްރާމްތަކެއް ފުރިހަމަކޮށް ނިންމައިލާ މުނާސަބަތާ ގުޅުވައިގެންނެވެ. އެ ޕްރޮގްރާމުގައި ހިމެނެނީ މުޅި ރަމަޟާންމަހުގައި ރޯދަހިފުމާއި ތަރާވީސްކުރުމާއި ޤުރްއާން ކިޔެވުމާއި ތަދައްބުރު ކުރުމެވެ.
ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި ރަމަޟާންމަހުގެ ރޯދަޔަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ރޯދަހިފާންޖެހޭ އެންމެ ފުރިހަމަގޮތުގައި އެމަހުގެ ހުރިހައި ރޯދަތަކެއް ހިފައި ނިންމައިލުމަކީ ޢާންމުގޮތެއްގައި މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭފަދަ މަތިވެރި ޝަރަފެކެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އިރްޝާދުދޭ ގޮތުގައި ރޯދައިގެ އަސްލު މަޤްޞަދަކީ ތަޤްވާވެރިކަން ލިބިގަތުމެވެ. ރޯދައިގެ ޒަރީޢާއިން އިންސާނާގެ ކިބައިގައި މާތް اللّــه އަށް ބިރުވެތިވުމުގެ އާދަ އަށަގެންނެވުމެވެ. އެކަލާނގެ މަތިވެރިވަންތަކަމާއި، ކިބްރިޔާވަންތަކަމުގެ އިޙްސާސު އަށަގެންނެވުމެވެ. ހުރިހައި ވައްތަރެއްގެ ނުބައިކަންކަމަކުން ދުރުވެ ރައްކައުތެރިވެހުރެ ޒިންމާދާރުގޮތެއްގައި ދިރިއުޅުމުގެ އެކަށޭނަކަން ހޯދައިދިނުމެވެ. މިމާތް މައްސަރުގައި ބާވައިލެއްވި މާތް ޤުރްއާނުގެ ޙައްޤުތަކަކީ ކޮބައިކަން އަންގައިދިނުމެވެ. އެމާތް ފޮތަކީ އިންސާނިއްޔަތަށް ތެދުމަގު ދައްކަން ބޭނުންވާ ހުރިހައި އެކަށޭނަކަމެއް އެފޮތުގައި އެކުލެވިފައިވާ ފުރިހަމަ ފޮތެކެވެ. އެފޮތަކީ ފުރްޤާނެވެ. ޙައްޤާއި ބާޠިލު ވަކިކޮށްދޭ މިންގަނޑެކެވެ. އެފޮތުގެ ޒަރީޢާއިން ރިއްސާއި ލޮއި ވަކިކޮށްގަނެވެއެވެ. އެފޮތުގައިވަނީ ނުހަނު އަލިގަދަ ދަލީލުތަކެއް އެކުލެވިފައެވެ. އެއީ ވަރަށް އަލިގަދަ ފަނާރެކެވެ. އެފަނާރުގެ ފާން އަލީގައި ދިރިއުޅެމުންގެންދާ މީހަކު ދުވަހަކުވެސް މަގުއޮޅިގެނެއް ނުދާނެއެވެ.
ރޯދަޔަށް ހުރުމުގެ ޒަރީޢާއިން އިންސާނާ ކުރާކަމަކީ އަރަހުށި މާތް اللّــه ގެ މާތްވަންތަކަމާއި މަތިވެރިވަންތަކަމަށް އިޢުތިރާފުވުމެވެ. އެކަން ފާޅުކުރުމެވެ. ރޯދަޔަށް ތިބޭއިރު އަރަހުށި މާތް اللّــه ގެ މަތިވެރިވަންތަކަމާއި ކިބްރިޔާވަންތަކަމުގެ އިޙްސާސު އިންސާނާއަށް ވެރިވާލެއް ވަރުގަދަކަމުން އިންސާނާއަށް މޭރުންވަނީ އެފޮނިފޮނި އިޙްސާސާ އަޅައިބަލާއިރު ކެއިންބުއިމުގެ މުހުތާދެއް ނެތްކަމެވެ. ޖިންސީ ލައްޒަތުގައި މީރުކަމެއް ނެތްކަމެވެ. ރޯދަޔަށް ހުރުމުން ލިބޭ ފިލާވަޅަކީ، ދިރިއުޅުމަކީ ހުސްއެކަނި ކެއިންބުއިމާއި ޖިންސީ އަލާކެނޑުވުމަށް ކިޔާ ނަމެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އިންސާނީ ޙަޔާތަކީ އެއަށްވުރެ މާމަތިވެރި އަގުތަކެއް އެކުލެވިފައިވާ ކަމެއްކަމެވެ.
މާތް اللّــه ގެ މަތިވެރިވަންތަކަމަށް އިޢުތިރާފު ނުވުމަކީ އިންސާނާގެ ރޯނުފިލާކަމެވެ. ޝުކުރުވެރި ނުވާކަމެވެ. އަރަހުށި މާތް اللّــه އެކަލާނގެ ފޮތުގެ ޙާމިލުންގެ ކިބައިން ނުހަނު ޙައްޤު ގޮތުގައި އެދިވޮޑިގަންނަވަނީ އެބައިމީހުން އެކަލާނގެ ނިޢުމަތްތަކުގެ މަންފާ ލިބިގަންނަމުންދާއިރު ޝުކުރުވެރިނުވާ ބަޔަކުކަމުގައި ނުވުމަށެވެ. އަދި ކީއްތޯއެވެ؟ ޝުކުރުވެރިވާ ބަޔަކަށްވުމަށެވެ. އެކަލާނގެ އިޙްސާންވަންތަކަން ޤަބޫލުކުރާ ބަޔަކުކަމުގައި ވުމަށެވެ. އަދި އެ ޝުކުރުވެރިވުމަކީ ހުސްއެކަނި ދުލުކޮޅުން އަދާކޮށްލާ ކަމެއްކަމުގައި ނުހެދުމަށެވެ. އޭނާގެ ޙަޔާތުގެ ހުރިހައި ހިނދެއްގައި ހުރިހައި ކަމެއްގައި އެކަލާނގެ ރަސްކަންފުޅަށް ޝުކުރުވެރިވުމުގެގޮތުން ރިޢާޔަތްކުރާންޖެހޭ ކަންކަމަށް ރިޢާޔަތްކުރުމަށެވެ. އޭނާގެ ގޭތެރޭގެ ދިރިއުޅުމުގައެވެ. ލޭންދޭން ކުރުމުގައެވެ. ގަނެވިއްކައި ވިޔަފާރި ކުރުމުގައެވެ. ސިޔާސީ ޙަރަކާތްތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކުގައެވެ. އެގޮތުގައި ކުރިޔަށްދާއިރު އޭނާގެ ހިތުގައި ކުޑަވެސް ބުރަކަމެއް ނުބޭއްވުމެވެ. އެއާޚިލާފަށް ފިސާރި ހިތްހަމަޖެހުމާއެކު ހިތުގެ ފުންމިނުން ރުހިގެންހުރެ ޝުކުރުވެރިވަމުން ދިޔުމެވެ. މާތް اللّــه މަޢުރިފާކުރަމުން ގެންދިޔުމެވެ. އެ މަޢުރިފާއާއެކު އޭނާގެ ޝުކުރުވެރިކަމުގެ އިޙްސާސުވެސް ފުންކުރަމުން ފުޅާކުރަމުން ގެންދިޔުމެވެ. އެ ޖަޒުބާތަށް ދުވަހަކު ފިނިކަމެއް އަޔަނުދިނުމެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟ އިންސާނާ ވުޖޫދަށް އައީވެސް އެ މަތިވެރި ޒާތުފުޅުގެ ދީލަތިވަންތަކަމުންނެވެ. ރަޙްމަތްވަންތަކަމުގެ ސަބަބުންނެވެ. އަނެއްކާ އެ ރަޙުމަތްވަންތަކަމާއި ނިޢުމަތްތަކަކީ ފަހަރެއްގައިވެސް މެދުކެނޑުމެއް ނިމުމެއްނާންނަ ކަމެކެވެ.
ރަމަޟާންމަހަކީ އިންސާނާއަށް ހަރުދަނާ ތަރުބިޔަތެއް ލިބޭ މުނާސަބާއެކެވެ. އެމަހުގެ އަޅުކަމުގެ ޒަރީޢާއިން އޭނާގެ ޝުޢޫރުތައް ސާފުވެ ތާހިރުވެއެވެ. ދަމިލަފިލައި އުއްތި އުޖާލާވެއެވެ. އޭނާގެ ޝަޚްޞިއްޔަތު ބިނާވެއެވެ. އޭނާގެ އަޚްލާޤު އޮފުދާރުވެއެވެ. ހަކަތައާއި ބުންވަރު ލިބެއެވެ. ރޯދައިގެ ސަބަބުން އޭނާގެ ރޫޙަށް ލިބޭ އާރޯކަމާއި ތާޒާކަމަކީ އެކަމަށްޓަކައި ހާސްހާސްފަށުން ޝުކުރުވެރިވެ އުފާފާޅުކުރުން ޙައްޤު ކަމެކެވެ.
އިންސާނާ ނޭވާލާ ވަޔާއި އޭނާ ބޯން ބޭނުންކުރާ ފެނާއި ކައިއުޅޭ ގޮވާމަކީވެސް ޝައްކެއްނެތްގޮތުގައި މާތް اللّــه ގެ ނިޢުމަތްތަކެވެ. އެކަލާނގެ ދީލަތިވަންތަ ދެއްވުމެވެ. އެކަލާނގެ އިޙްސާންވަންތަކަމެވެ. އެއީ އިންސާނާގެ މަޢީޝަތުގެ ވަސީލަތްތަކެވެ. އަޅުގަނޑުމެން އެންމެން ދަންނަފަދައިން މިހުރިހައި ނިޢުމަތްތަކަކީވެސް އިންސާނާގެ ޖިސްމާނީ ވުޖޫދަށްޓަކައި ބޭނުންވާ ކަންކަމެވެ. އެކަމަކު ކީރިތި ޤުރްއާނާއި އެފޮތުގެ ޒަރީޢާއިން ލިބޭ ހިދާޔަތަކީ އިންސާނާގެ ރޫޙު ދިރުވައި އޭނާގެ އަޚްލާޤު ރީތިކުރަން ބޭނުންވާ ނިޢުމަތްތަކެވެ. ވަރަށްބޮޑު ޙަޤީޤަތެކެވެ. އަރަހުށި މާތް اللّــه އިންސާނާއަށް ތެދުމަގު ދެއްކެވުމަށްޓަކައި ކުރައްވައިފައިވާ އިންތިޒާމުތަކަކީ އޭނާއަށްޓަކައި އެންމެބޮޑު އެންމެ މަތިވެރި ނިޢުމަތެވެ. އެކަމަކު އިންސާނާއަށް އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުގެ ޒަރީޢާއިން އޭނާއަށް ޠާހިރު ދިރިއުޅުމެއް ލިބޭހިނދުގައެވެ. މާތް اللّــه ކަނޑައަޅުއްވައިދެއްވައިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާއި ޤާނޫނުތަކަށް ބޯލެނބުމުގެ ބިންގަލުގެ މަތީގައި ރީތި އިންސާނީ ތަހްޒީބެއް ބިނާވާހިނދުގައެވެ. ދުނިޔެއަށް ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ލިބޭހިނދުގައެވެ. ހިތްތަކަށް ހަމަޖެހުމާއި ފަހިކަމާއި ފާގަތިކަން ލިބޭހިނދުގައެވެ. ބޭނުންޖެހިފައިވާ މީހުންގެ މުހުތާދުތައް ފުދެމުންދާން ފެށުމުންނެވެ.
ކުރުކޮށް ދަންނަވާނަމަ ފިޠުރުޢީދަކީ އަޅުގަނޑުމެންނަށް މާތް اللّــه ދެއްވައިފައިވާ ދެއްވުންތަކަކީ އާދައިގެ ކަންތައްތަކެއް ނޫންކަމުގެ އިޙްސާސް ވަރުގަދަކޮށްދިނުމުގެ ޢީދެވެ. މި ޢީދަކީ އެންމެންގެ ގުޅިފައިވާ އުފާތަކާއި އެންމެން އެއްގޮތެއްގައި ހިއްސާކުރާ ޖަޒުބާތުތައް ފާޅުކުރުމުގެ ޢީދެވެ. އެހެންކަމުން މި ޢީދު ފާހަގަކުރަނީ ދުނިޔޭގެ ހުރިހައި މުސްލިމުންނެވެ. ކޮންމެ ނަސްލެއްގެ ކޮންމެ ކުލައެއްގެ މުސްލިމަކު ކަމުގައި ވިޔަސްވެހެވެ. އެންމެހައި މުސްލިމުން މި ޢީދުގައި މާތް اللّــه އަށް ޝުކުރު ދަންނަވަނީ މާތް اللّــه ގެ މަތިވެރިވަންތަކަމާއި އެކަލާނގެ ކިބުރިޔާވަންތަކަން ފާޅުކުރުމަކީ ތިމާމެންގެ ޙަޔާތުގެ އަމާޒުކަމުގައި ހެދުމުގެ ތައުފީޤު ލިބުނުކަމަށްޓަކައެވެ. އެކަލާނގެ ރަސްކަންފުޅަށް ތަޤްވާވެރިކަން ޚިޔާރުކުރެވުނުކަމުގެ އުފަލުގައެވެ. ރަމަޟާންމަހުގެ ރޯދަހިފުމާއި ތިމާމެންގެ ރުކޫޢާއި ސުޖޫދުގެ ޒަރީޢާއިން ތިމާމެންގެ އަމިއްލަ ޒާތުގެ ފަޚުރުވެރިކަން ނަފީކުރެވުނުކަމަށްޓަކައެވެ. މާތް اللّــه ގެ މަތިވެރިވަންތަކަމުގެ ކުރިމަތީގައި ކޮންމެކަމެއްވެސް ކޮންމެ ބާރެއްވެސް ތިރިވެގެންވާކަމުގެ އިޙުސާސު ދިރުވައި ދެމެހެއްޓުނުކަމަށްޓަކައެވެ. އެކަލާނގެ ރުހިވޮޑިގަތުމާ ނިސްބަތްކުރާއިރު އެހެން އެއްވެސްކަމަކީ ކުޑަވެސް މީރުކަމެއް އަދި މާނައެއްނެތް ކަމެއްކަމުގައި ހަދައިލެވުނު ކަމަށްޓަކައެވެ. މުސްލިމުން ޝުކުރުވެރިވަނީ އަރަހުށި މާތް اللّــه އެއުރެންނަށް އެކަލާނގެ މަތިވެރިވަންތަކަން ބަޔާންކޮށްދެއްވި ކަމަށްޓަކައެވެ. އެކަލާނގެ މަތިވެރިވަންތަކަމަށް އިޢުތިރާފުވުމާއެކު އިންސާނިއްޔަތުގެ ހިތާމައާއި މޮޅިވެރިކަމުގައި ބައިވެރިވެ އެންމެން މިލި އެކުވެރިވެގެން އުޅޭންއެދޭ މީހުންގެ ސުމާރުކުރުމުގައި ތިމާމެންވެސް ހިމަނައިލެވުނުކަމަށްޓަކައެވެ.
އުފާވެރިކަމާއި ހިތްފަހިކަން ފާޅުކުރުމުގެވެސް ތަހްޒީބީ ގޮތްތަކެއް ހުރެއެވެ. މުސްލިމުންނަށް އަމުރުވެރިވެވިގެންވަނީ ފިޠުރުޢީދުގައި އެގޮތްތައް އިޚްތިޔާރު ކުރުމަށެވެ. މަނާކުރައްވައިފައިވަނީ ނާތަހްޒީބު ގޮތްތަކާއި ނުރަނގަޅު ގޮތްތައް ޚިޔާރުކުރުމެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ޢީދުގެ ނަމުގައި ލަދުހުތުރު ލަވަތަކާއި ޅެންފަރިހިތަކާއި ބެރެކިރައިވަރު ކިޔުމެވެ. ރާބުއިމެވެ. ބަނގުކެއުމެވެ. އޮރިޔާންކަމެވެ. މުސްލިމުންގެ އުފާކުރުމާއި އުފާކުރުވުންވެސް އޮންނާންޖެހެނީ ތަހްޒީބީ ދާއިރާގައެވެ. ބާރު އަޅުއްވައިފައިވަނީ ޢީދު ފާހަގަކުރުމުގައިވެސް މުސްލިމުންގެ ރިވެތި އިސްލާމީ ގޮތްތަކާއި ސުލޫކާއި އިސްލާމީ އަދަބު އަޚްލާޤުގެ ލޭކޮށައިނުލުމަށެވެ. ފާރުކޮށްނުލުމަށެވެ.
ފިޠުރުޢީދަކީ އަޅުކަމެއްގެ ހައިސިއްޔަތު ލިބިފައިވާ ޢީދެކެވެ. މާތް اللّــه އަށް ޙަމްދާއި ސަނާކިޔުމާއި ތަކްބީރު ކިޔުންވަނީ އެޢީދާ ގުޅައިލެވިފައެވެ. މިއީ ޝުކުރުވެރިވުމުގެ ޢީދެކެވެ. ޝުކުރު ފާޅުކުރުމުގެ ޢީދެކެވެ. ފިޠުރުޢީދުގައި މިޚާއްޞަ ނުކުތާ ހަނދާނުގައި ހަރުލައްވާންޖެހެއެވެ. ޢީދުވިލޭރޭ ފަތިސްދަންމަތިވުމާއެކު ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީން ތެދުވެ ފެންވަރައި ނަލަހެދެއެވެ. އަތުގައި އޮންނަ އެންމެ ރީތި އައުހެދުމެއްލައި ހުވަނދުލައި ޢީދުނަމާދަށްދާން ތައްޔާރުވެއެވެ. މުސްލިމުންނަށް ދީނުގައި އިރުޝާދު ދެއްވައިފައިވަނީ އުފާފާޅުކުރުމުގެ މި އައިތަވެރި މުނާސަބާގައި ފަގީރުންގެ މަތީން ހަނދާންނައްތައި ނުލުމަށެވެ. އެގޮތުންވަނީ ފިޠުރުޒަކާތް ވާޖިބުކުރައްވައިފައެވެ. އެދުވަހުގެ އުފަލުގައި ބައިވެރިނުވެވޭ ހަމައެކަކުވެސް މުސްލިމުންގެ ތެރޭގައި ހުއްޓަނުދިނުމަށްޓަކައެވެ. ކޮންމެ މީހަކަށްވެސް އެދުވަހު ބަނޑުފުރައި ކާންލިބުމަށްޓަކައެވެ.
ޢީދުދުވަހުގެ އާދަޔަކީ އެދުވަހު އެންމެންވެސް އަވަށުން ބޭރަށް ޢީދުގާހަށް އެއްވުމެވެ. ރާއްޖޭގައިވެސް އިހުގައި ޚާއްޞަ ޢީދުމިސްކިތްތައް ހުއްޓެވެ. ޢީދުގާހުތައް ހުއްޓެވެ. ޢީދުނަމާދުގެ ބޮޑު ޖަމާޢަތަކީ އޭގެ ނަކަލެކޭ ދެންނެވިދާނެއެވެ. ޢީދުގާހަށް ދާންޖެހެނީ ތަކުބީރު ކިޔަމުންނެވެ. އާދެ، ބޮޑުސުވާމީންގެ މަތިވެރިވަންތަކަމާއި ބޮޑުކަން އިޢުލާންކުރަމުންނެވެ. މުސްލިމެއްގެ ޙަޔާތުގެ އަސްލު ރައުސުމާލަކީ މާތް اللّــه އަށް ޙަމްދުކޮށް ތަކްބީރާއި ސަނާކިޔުމެވެ. އެކަލާނގެ ރަސްކަންފުޅު މަޢުރިފާކުރުމެވެ. އަޅުގަނޑުމެންގެ އުފާތަކުގެ އަސާސަކީ އެއީއެވެ. އިތުރަށް އިރްޝާދު ލިބިފައިވަނީ ޢީދުގާހަށްދިޔަ މަގުނޫން އެހެން މަގަކުންލައިފައި ގެއަށް އައުމަށެވެ. އަވަށުގެ ހުރިހައި ކަންކޮޅުތަކެއް މާތް اللّــه އަށް ޒިކުރު ކުރުމުގެ ޒަރީޢާއިން އަލިވެ އުޖާލާވުމަށްޓަކައެވެ. މުޅި ރަށަށް ބަރަކާތް ޢާންމުވުމަށްޓަކައެވެ. ވީހައިވެސް ގިނަބަޔަކު ބައްދަލުވެ ސަލާންގަލާންކޮށް އެކުވެރިކަން ބަދަހިވުމަށްޓަކައެވެ.
ޢީދުގައި އުފާފާޅުކުރުމާއި ހިތްފަހިކަން ލިބިގަތުމުގެ އެންމެފުރިހަމަ ޖަޒުބާތު ފާޅުކުރެވޭ ވަގުތަކީ މާތް اللّــه ގެ މަތިވެރިވަންތަ ޙަޟުރަތަށް ކުއްތަންވުމުގެގޮތުން ޢީދުނަމާދަށް ސަފުސަފަށް އެތުރިލައިގެންތިބޭ ވަގުތެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަން އަދާކުރާ ވަގުތެވެ. އިންސާނަކަށް އެންމެބޮޑު ރާޙަތާއި އުފާވެރިކަމާއި ލޯބިވެތިކަން ލިބޭވަގުތަކީ މާތް اللّــه އާއި އެކަލާނގެ އަޅާއާ ދެމެދު އޮންނަ އަހުރަވެތި ގުޅުން ފާޅުކުރެވޭ ވަގުތެވެ. ޝައްކެއްނެތްގޮތުގައި އެއީ ރުކޫޢާއި ސުޖޫދުގެ ވަގުތު ފިޔަވައި އެހެން ވަގުތަކަށް ނުވާނެއެވެ. މާތް اللّــه އާއި އެކަލާނގެ އަޅާއާ ދެމެދުގައި އޮންނަ ގުޅުން ފާޅުކުރާ ވަގުތަކީ އިންސާނީ ޙަޔާތުގެ އެންމެ ފޮނި ނަޣުމާތައް ވިރުވައި އެޅޭވަގުތެވެ. އެއީ ޙަޔާތުގައި އެންމެބޮޑަށް ވަޖިދު އަންނަ އަދި އެންމެ ރޫޙުދިރުވާ ވަގުތުކޮޅެވެ. އެއީ މާތް اللّــه ގެ ޙަޟުރަތަށް ސަޖިދަޔަށް ތިރިވެ ސަޖިދައިގައި ތިބޭ ވަގުތެވެ. އެއީ މާތް اللّــه ގެ ކިބުރިޔާވަންތަކަމުގެ ޙައްޤުގައި ތިރިވެ ބިމުގައި ނިތްޖައްސައިލާ ވަގުތެވެ. އެހެންކަމުން ޤިޔާމާއި ރުކޫޢާއި ސަޖިދައިގައި ތިބުމާ ނުލައެއް ޢީދުގެ އުފާ ފުރިހަމައެއް ނުވާނެއެވެ. ހަމައެފަދައިން ފަޤީރުންނާއި ޔަތީމުންނާއި މިސްކީނުންނާއި މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމާއި އަޅައިލުމަށް ބޭނުންވާ މީހުންގެމަތީން ހަނދާން ނައްތައިލައިފައި ކުރާކަމެއްވެސް ޢީދަކަށް ނުވާނެއެވެ. އާދޭހެވެ. ފިޠުރުޢީދަކީ މާތް اللّــه ގެ ޙައްޤުތަކާއެކު އެކަލާނގެ އަޅުތަކުންގެ ޙައްޤުތަކަށްވެސް ފުރިހަމަޔަށް ފަރުވާތެރިވުމުގެ ޚާއްޞަ މުނާސަބާއެކެވެ.
ޢީދު އަޅުގަނޑުމެންނަށް އަންގައިދެނީ ހުރިހައި އިންސާނުންނަކީ އެއް ޢާއިލާއެއްގެ މެންބަރުންތަކެއްފަދަ ބަޔެއްކަމެވެ. އެ އެންމެންގެ މެދުގައި ހަމްދަރުދީއާއި ހިތާމައިގައި ބައިވެރިވުމާއި ލޯބީގެ ގުޅުން އޮންނާންޖެހޭނެކަމެވެ. މި ޢީދު އޭގެ ފަސްބައިގެ ތެރޭގައި އެއްކޮށް އެކަތިގަނޑަކަށް ހަދައިލަނީ މުޅި އިންސާނިއްޔަތެވެ. އެންމެން އުފާއުފަލުން އެއްހިތްވެ ތިބޭތަން ދެކޭހިތްވުމަކީ އިސްލާމްދީނުގެ ޠަބީޢަތެވެ. އެއީ އެދީނުގެ ފިޠުރަތެވެ. ފިޠުރުޢީދުގެ ޒަރީޢާއިން އެފާޅުކުރެވެނީ އިސްލާމްދީނުގެ އިންސާނީވަންތަކަމެވެ. އިސްލާމީވަންތަކަމެވެ. ފިޠުރުޢީދުގެ ޒަރީޢާއިން އެނަފީކުރެވެނީ ޖާހިލިއްޔަތެވެ. ނޭއްގާނިކަމާއި ނޭއްދާރުކަމެވެ. މި އުފާވެރި ޢީދު އަޅުގަނޑުމެންނަށް ދަޢުވަތުދެނީ ފިޠުރުޢީދުގެ ޙަޤީޤަތާއި އެޢީދުގެ މަޢުނަވިއްޔަތު އުނގެނި ދަސްކުރުމަށެވެ.
اَللَّــهُ أَكْــبـَـرُ ، اَللَّــهُ أَكْــبـَـرُ ، اَللَّــهُ أَكْــبـَـرُ ، لاَإِلَـــه إِلاَّ اَللَّــهُ وَاَللَّــهُ أَكْــبـَـرُ ، اَللَّــهُ أَكْــبـَـرُ ، وَلِلَّــهِ اْلحـَمْـدُ.