ބްރިޓިޝް އެކްޓްރެސް އޮލީވިއާ ކޮލްމަންއަށް އޮސްކާގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިއްޖެއެވެ.
އޮލީވިއާއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައިވަނީ "ދަ ފޭވަރިޓް" ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަށެވެ.
ޓީވީ ޝޯ އަކުން ފިލްމީ ދުނިޔެއަށް ނުކުމެފައިވާ ތަރި އޮލީވިއާއަށް އެވޯޑު ލިބުމުން އޭނާ ހުރީ ހައިރާންވެފައެވެ. އެވޯޑާ ހަވާލުވުމަށްފަހު ސްޓޭޖުގައި ވާހަކަދައްކަމުން އޮލީވިއާ ބުނީ އޭނާއަށް އެވޯޑު ލިބުމަކީ މަޖާ ކަމެއް ކަމަށާއި ނަމަވެސް މިއޮތީ އޮސްކާ ލިބިފައި ކަމަށެވެ. މިއީ 2009 ވަނަ އަހަރު ކޭޓް ވިންސްލެޓްއަށް އޮސްކާ ލިބުމަށްފަހު އޮސްކާއެއް ބްރިޓިޝް އެކްޓްރެސްއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ބޮހީމިއަން ރާޕްސޮޑީގެ އެކްޓަރު ރަމީ މާލިކުއެވެ. ރަމީއަށް ވަނީ މިއަހަރުގެ ގޯލްޑެން ގްލޯބް އަދި ބަފްޓާ އެވޯޑުގައިވެސް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިފައެވެ.
ލޮސް އެންޖެލިސްގައި މިއަހަރުގެ އޮސްކާ ބޭއްވިގެން ދިޔައިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ގްރީން ބުކް"އެވެ. އެ ފިލްމަށް ވަނީ އިތުރު ތިން އެވޯޑެއްވެސް ލިބިފައެވެ.
ފިލްމު ބޮހީމިއަން ރާޕްސޮޑީއަށް ހަތަރު އެވޯޑު ލިބިފައިވާއިރު ރޯމާ އަދި ބްލެކް ޕެންތާއަށް ވަނީ ތިން އެވޯޑު ލިބިފައެވެ.