ދުނިޔެ

އަދުގެ ދުނިޔެ: އެންމެފަހުން ޗައިނާވެސް ތަރި ހަނގުރާމައިގެ ތެރެއަށް!

އިމާދު ލަތީފު

ދުނިޔެއާ ދިމާލަށް ދަތުރުކުރާ ބޮޑެތި ގިނިހިލަތައް ދެނެގަނެ އޭގެތެރެއިން މުޑިއަރާނެކަން ކަށަވަރުވާ ހިލަތަކުގެ މިސްރާބު ކަސިޔާރުކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެއް ޗައިނާއިން މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ. ޖައްވީ ކަންކަމުގައި އެންމެ ކުރިއަރާފައިވާ ގައުމުކަމަށް ވުމުގެ ރޭހުގައި ޗައިނާއިން އަމާޒު ހިފާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ގިނިހިލަތަކަށް ހަމަލާދިނުމުގެ ނިޒާމާ ގުޅިފައިވާ މަޝްރޫއެކެވެ. ތަރި ހަނގުރާމައިގެ މަޝްރޫއެކެވެ. މިފަދަ ނިޒާމެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމަކީ އެމެރިކާއެވެ. މި ދެގައުމުގެ ނަޒަރު ގިނިހިލަތަކަށް އަމާޒުކުރުމުގެ ސިއްރަކީ ދުނިޔެއަށް ނިމުން އަންނާނެ ކަމަށް ސައިންސްވެރިން ލަފާކުރާ އެއްގޮތަކީ ގިނިހިލަޔަކާ މުޑިއަރައި ބުރަބުރައިގެން ދިޔުން ކަމަށްވާތީއެވެ.

ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ހާމަކުރާގޮތުގައި ދުނިޔެއާ މުޑިއަރައި ދުނިޔެއަށް ގެއްލުންތަކެއް ދީފާނެ ކަމަށް ގަބޫލުކުރެވޭ ގިނިހިލަތައް އޭގެ އަސްލު މިސްރާބުން ކަސިޔާރުކޮށްލުމުގެ މަގު ތަނަވަސްކުރުމަކީ އެ އިދާރާގެ އެންމެ ބޮޑު މަގްސަދެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ދިރާސާތަކުގެ އަޖުމަ ބަލައިލުމަށްޓަކައި އަދި ހަތަރު ފަސް އަހަރެއް ފަހުން ޗައިނާއިން ކޮންމެވެސް ގިނި ހިލައަކަށް އުޅަނދެއް ފޮނުވާނެއެވެ. އެޔާއިބެހޭ ތަހުލީލުތައް ކުރުމަށްފަހު އޭގެ މިސްރާބު ބަދަލުކުރުމަށްޓަކައި އެޔަށް ގުޑުންއަރުވާނެއެވެ. އެއަށްފަހު އޭގެ ދަތުރު މޮނިޓަރ ކުރާނެއެވެ. އަޖުމަބެލުމުގެ މަރުހަލާއަށް ވާންޖެހޭ ތައްޔާރީތައް ހުއްޓުމެއްނެތި ބާރުދުވެލީގައި މިހާރު ކުރިއަށް ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

ޖައްވީ ހަރަކާތްތަކުގައި އެމެރިކާ ފަހަތަށް ޖައްސައިލުމުގެ ގޮތުން ޗައިނާއިން ވަނީ ފަހަކަށް އައިސް އެގައުމުގެ ޖައްވީ ޕްރޮގްރާމް ވަރަށް ފުޅާކޮށްފައެވެ. ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމް ކުރުމަށްޓަކައި ރަޝިޔާއާ ގުޅިގެން މަސައްކަތްތަކެއް ކުރުމުގެ އެއްބަސްވުމެއްގައި ދާދި ފަހުން ވަނީ ސޮއިވެސް ކޮށްފައެވެ. ޗައިނާއިން ހަނދަށް ފޮނުވި އުޅަނދެއް ވެއްޔާއި ހިލަޔާއި އެނޫންވެސް އެކިކަހަލަ ސާމްޕަލްތަކެއް ނަގައިގެން ހުސްވި އަހަރުގެ ތެރޭގައި އަލުން ދުނިޔެއަށް އައިސްފައިވެއެވެ. މިކަހަލަ މަސައްކަތްތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ވާދަވެރިކަން ބޮޑުވެ ސީރިއަސް އަރައިރުންތަކެއްވެސް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖައްވީ ސްޓޭޝަނާއި ދާދިގާތަށް އެމެރިކާއިން ރޮކެޓެއް ފޮނުވި މައްސަލައިގެ އަރައިރުން ހިމެނެއެވެ.

ޖައްވީ ރޭހުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ޖައްވުގައި ހަނގުރާމަކުރުމުގެ ކެރިކުޅަދާނަކަން ލިބިގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމެރިކާޔާއި އިނގިރޭސިވިލާތާއި ރަޝިޔާ އާއި ޗައިނާއިން ރަސްމީކޮށް ޖައްވީ ފޯހެއްވެސް ވަނީ އުފައްދައިފައެވެ. މިފޯހުގެ މަސައްކަތަކީ ޖައްވުގައި އަސްކަރީ ގާބިލްކަން ފުޅާކުރުމެވެ. އޭގެތެރޭގައި ވާދަވެރި ގައުމުތަކުގެ ސެޓެލައިޓްތައް ގޮއްވާލުމުގެ ގާބިލްކަންވެސް ހިމެނެއެވެ. ހުސްވި މާރޗް މަހު އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ޗައިނާޔާއި ރަޝިޔާއަށް އަމާޒުކޮށް ބޮޑު ތުހުމަތެއްވެސް ކޮށްފައެވެ. އެމެރިކާގެ ސެޓެލައިޓްތަކަށް ހަމަލަދެވޭޒާތުގެ ލޭޒަރ ހަތިޔާރު އުފައްދައި މިދެގައުމުންވެސް މިހާރު ޚިދުމަތަށް ނެރެފައިވާ ކަމަށް ބުނެފައިވެއެވެ. މިއީ ބޮޑުވެގެންވާ ނުރައްކަލެއްކަމަށްވެސް ސިފަކޮށްފައިވެއެވެ.

ދުނިޔެއާ މުޑިއެރުން އެކަށީގެންވާ ގިނިހިލަތައް ދެނެގަނެ، އެތަކެތި ދުނިޔެއާ ހަމަވުމުގެ މާކުރިން އެއަށް އުޅަނދުތައް ފޮނުވައި ދިރާސާކޮށް ގޮއްވުންތައް ގޮއްވައިގެން އޭގެ މިސްރާބު ބަދަލުކުރުމުގެ ވިސްނުމަކީ ޖައްވީ ހަނގުރާމަ ނުވަތަ ތަރި ހަނގުރާމަޔާ ގުޅުންހުރި ވިސްނުމެކެވެ. މިކަހަލަ މަޝްރޫއެއް އެންމެ ފުރަތަމަ ފަށާފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއަކީ ޖައްވުގައި ދަތުރުކުރާ ގިނިހިލަތައް ދިރާސާކުރުމުގެ މަސައްކަތް އެންމެ ފުޅާކޮށް ހިންގާ ގައުމުވެސްމެއެވެ. މިކަމަށް ޚާއްސަކުރެވިފައިވާ އޮބްޒަވޭޓަރީތަކެއް އެފްރިކާ ބައްރުން ދެކުނު އެފްރިކާޔާއި ދެކުނު އެމެރިކާ ބައްރުން ޗިލީ އަދި ޕެސިފިކްގެ މެދުގައިވާ ހަވާއީގައި ގާއިމްކުރެވިފައިވާއިރު މިތަންތަން ހުސްވި އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އިތުރަށް ޒަމާނީކޮށް ފެންވަރުވެސް ރަނގަޅުކޮށްފައެވެ.

ޖައްވީ ހޯދުންތަކުގައި އިންސާނުން މިއަދު ހޯދާފައިވާ ކުރިއެރުންތަކުގެ ފެށުމަކީ މީގެ 65 އަހަރު ކުރިން ރަޝިޔާއިން ކާމިޔާބުކަމާއެކު 1957 ވަނަ އަހަރު ޖައްވަށް ފޮނުވައިލި ފުރަތަމަ ސެޓެލައިޓެވެ. ސްޕަޓްނިކް އެކެއްގެ ނަން ދެވުނު ސެޓެލައިޓެވެ. އޭގެފަހުން މިހާތަނަށް އިންސާނުން ޖައްވަށް ފޮނުވުމާއި ހަނދާއި ޕްލެނެޓްތަކަށް ވެސް އުޅަނދުތައް ފޮނުވުމާއި ގިނިހިލަތަކަށްވެސް އުޅަނދުތައް ފޮނުވައި ތަޖުރިބާތަކެއް ވަނީ ކޮށްފައެވެ. ޖައްވީ ރޭހުގައި އެންމެ ފުރަތަމަ ވާދަކުރީ ރަޝިޔާއާއި އެމެރިކާއެވެ. މިރޭހުގެ ތެރެޔަށް ޗައިނާ ވަދެފައިވަނީ ތަންކޮޅެއް ފަހުންނެވެ. އެކަމަކު އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފަައިވާ ގައުމަކީ ޗައިނާއެވެ. ޗައިނާއަށްވުރެ ފަހުން އިންޑިޔާވެސް ވަނީ ޖައްވީ ހޯދުންތަކުގެ ތެރެއަށް ވަދެފައެވެ.