ސޯޝަލް މީޑިއާ ޕްލެޓްފޯމް, ޓުވިޓާ ގަތުމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް ހުށަހެޅި 44 ބިލިއަން ޑޮލަރުގެ ހުށަހެޅުމަށް އެކުންފުނީގެ ބޯޑުން އެއްބަސްވެއްޖެއެވެ.
އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ އަދި ޖައްވަށް ރޮކެޓް ފޮނުވާ, އެރޯސްޕޭސް ފާމް ސްޕޭސްއެކްސްގެ ވެރިޔާ ޓުވިޓާ ގަންނަން ހުށަހެޅީ އެ ކުންފުނީގެ ނުވަ ޕަސެންޓް ހިއްސާއާއެކު ޓުވިޓާގެ މެޖޯރިޓީ ހިއްސާދާރަކަށްވުމަށް ފަހު މީގެ ދެ ހަފުތާ ކުރިންނެވެ.
މިލްކިއްޔާތުގައި 273.6 ބިލިއަން އެމެރިކާ ޑޮލަރު ހުރި މަސްކް, 50, ޓުވިޓާ ގަތުމަށް ހުށަހެޅީ ހިއްސާއަކަށް 54.20 ޑޮލަރުގެ މަގުން 44 ބިލިއަން ޑޮލަރެވެ. އަދި ޓުވިޓާ ވިއްކާލުމުގެ އެއްބަސްވުމާ އެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ފަސް ޕަސެންޓް މައްޗަށް ޖެހިލައިފައެވެ.
އޭނާއަށް ޓުވިޓާ ވިއްކާލަން އެ ކުންފުނީގެ ބޯޑުން ނިންމިކަން އިއުލާނުކޮށް މަސްކު ނެރެފައިވާ ބަޔާނެއްގައި ބުނީ, މިނިވަން ހިޔާލަކީ ހަރަކާތްތެރި ޑިމޮކްރަސީއެއްގެ ބިންގާ ކަމަށާއި ޓްވިޓާ އަކީ އިންސާނިއްޔަތުގެ މުސްގަތުބަލަށް މުހިންމު ކަންތައްތަކުގައި ބަހުސް ކުރެވޭ ޑިޖިޓަލް ޓައުން ސްކޮޔާއެއް ކަމަށެވެ.
މަސްކް ބުނީ, އާ ފީޗާތަކާއެކު ޓްވިޓާ ވަރުގަދަކޮށް، އިތުބާރު ބޮޑުކުރުމަށްޓަކައި ސްކޭމް ބޮޓްސްތައް ނައްތާލައި, އިންސާނުންނަށް ސައްހަކަން ކަށަވަރު ކުރެވޭ އެއްޗަކަށް ޓްވިޓާ ހަދާނެ ކަމަށެވެ. އަދި ޓްވިޓާ އަށް ލިބިފައިވާ ގާބިލްކަން ވަރުގަދަކުރަން ކުންފުންޏާއި ޓުވިޓާ ބޭނުންކުރާ ފަރާތްތަކާއެކު މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.
ޓުވިޓާއަށް މަސްކު ގެންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ދިގު ޕޯސްޓުތައް ކުރެވޭ ގޮތް ހެދުމާއި ކުރާ ޕޯސްޓުތައް އެޑިޓް ކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި ޓުވިޓާއަށް އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މިނިވަންކަން ދޭނެ ކަމަށްވެސް ބުންޏެވެ.
ދެހާސް ހަތަރު ވަނަ އަހަރު އުފެއްދި ޓުވިޓާ, ދުވާލަކު 217 މިލިއަން މީހުން ބޭނުންކުރާ އިރު, މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ފަސް ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.
މިއަހަރުގެ ފަހުކޮޅު މަސްކްއާ ޓުވިޓާ ހަވާލުކުރާނެ ކަމަށް ބެލެވޭ އިރު, އެ ކުންފުނީގެ ހިންގުން ހަވާލުކުރާނެ މީހެއް އަދި ނޭނގެއެވެ. ޓުވިޓާގެ މިވަގުތު ވެރިޔަކީ ޕަރާގް އަގްރަވާލްއެވެ. އޭނާ އެ މަގާމަށް އައީ ޓުވިޓާގެ ކުރީގެ ވެރިޔާ އަދި ކޯ ފައުންޑަރު ޖެކް ޑޯސޭ އެ މަގާމުން މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދިނުމުންނެވެ.